ހުޅުމާލެ ހިޔާ ޓަވަރުތަކުގައި އިތުރު އެއްލިފްޓް ހަރުކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ފުރަތަމަ 4 ޓަވަރުގައި ލިފްޓް އެޕްރީލް މަހުގެ ނިޔަލަށް ހަރުކޮށް ނިންމާލެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ 16 ޓަވަރެއްގައި ލިފްޓް ހަރުކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ލިފްޓްގެ ފައުންޑޭޝަނާ ގުޅޭ މަސައްކަތްތައް ހުރިހާ ޓަވަރުތަކުގައި ކުރިއަށްދާ ކަމަށާއި، ޓަވަރުތަކުގެ ބޭސްމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެޗްޑީސީން ބުނީ ލިފުްޓް ހަރުކުރުމުގެ ކުރިން ބޭސްމަންޓުގެ ލައިޓްތަކާއި ފެނާއި ކަރަންޓު ނެޓްވޯކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ކުންފުނިން ބުނީ ހިޔާގެ ފުރަތަމަ 4 ޓަވަރުގައި ލިފްޓް ހަރުކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން އެ ހަތަރު ޓަވަރުގައި ލިފްޓްގެ ސްޓީލް ސްޓްރަކްޗާގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އއެޗްޑީސީން ބުނެވެ.

އެ ކުންފުނިން ބުނީ ހިޔާ އެޗް-1، އެޗް-2، އެޗް-3 އަދި އެޗް-4 ގެ މަސައްކަތް އެޕްރީލް މަހުގެ ނިޔަލަށް ނިންމާނެ ކަމަށެވެ.

ހިޔާގެ ކޮންމެ ފްލެޓަކަށް ދެ ލިފްޓް އިތުރުކޮށްދެއްވުމަކީ ރައީސް މުހައްމަދު މުއިއްޒު، ހިޔާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ. ރައީސްގެ ވައުދާ އެއްގޮތަށް ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ. އެއީ 16 ޓަވަރު ހިމެނޭހެން ޖުމްލަ 32 ލިފްޓެވެ.

މި މަސައްކަތާއެކު، ހިޔާ ފްލެޓްތަކުގެ ލިފްޓަށް ބާރުބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ޑިޒައިންކޮށް ތަރައްގީކުރި ފްލެޓްތަކުގެ ލިފްޓް މަދުވުމުގެ ސަބަބުން މިހާރު، ލިފްޓް ކައިރީގައި މީހުން ތޮއްޖެހި، ގިނަ ވަގުތު ހޭދަކުރަންޖެހެ އެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި 400 އެއްހާ ފްލެޓް ހިމެނެ އެވެ. ކޮންމެ ޓަވަރެއްގެ އާބާދީ 2000އާ ގާތްކުރެ އެވެ. މިހާރު ފްލެޓެއްގައި ހުންނާނީ 3 ނުވަތަ 4 ލިފްޓެވެ.

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާ ހަވާލުކޮށްގެންނެވެ. އެއީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗާ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. 14 މީހުންގެ ޖާގައިގެ މި ލިފްޓުތަކުގައި ލޮލަށް ފެނުމުން މަ މަހުރޫމްވެފައިވާ މީހުންނަށް އެނގޭނެހެން ފްލޯ ނަމްބަރު ބްރެއިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.