އެމެރިކާގެ ލޮސް އެންޖެލަސްގައި މިހާރު ހިނގަމުން އަންނަ ފޭރުންތަކުގެ އެންމެ ފަހުގެ ޝިކާރައަކަށް ހޮލީވުޑްގެ ތަރިން ކަމަށްވާ ނިކޯލް ކިޑްމަންއާއި ކެއިތު އާބަން ވެއްޖެ އެވެ.

ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި ނިކޯލްއާއި ކެއިތުގެ ގެއަށް ވަގުން ވަދެ ފޭރިފައިވަނީ މިދިޔަ ހަފްތާ ބަންދު ތެރޭގަ އެވެ. އެހެން ނަމަވެސް އެ ގޭގެ މުވައްޒަފުން އެތަނަށް އައުމުން ވަގުން ވަނީ ފިލާފަ އެވެ.

އެހެން ނަމަވެސް އެގެއިން އެއްވެސް އެއްޗެއް ވަގަށް ނެގިކަން ނުވަތަ ނޫންކަން ނޫސްތަކަށް ޔަގީންވެފައެއް ނުވެ އެވެ. މި މައްސަލަ ވަނީ މިހާރު ފުލުހުންނަށް ހުށައަޅާފަ އެވެ.

ބުނެވޭ ގޮތުގައި ދަންވަރު ހިނގި އެ ހާދިސާގެ ވަގުތުގައި ނިކޯލްއާއި ކެއިތު ވެސް އެމީހުންގެ ގެއަކު ނޫޅެ އެވެ. ގޭގައި އުޅުނީ އެމީހުންގެ މުވައްޒަފުންނެވެ.

ލޮސް އެންޖެލަސްގެ ބެވާލީ ހިލްސްގައި ހުންނަ 3977 އަކަފޫޓުގެ އެ ގެއަކީ ނިކޯލްއާއި ކެއިތުގެ ކައިވެންޏަށްފަހު 4.7 މިލިއަން ޑޮލަރުގެ އަގަކަށް ގަތް ގެއެކެވެ.

ލޮސް އެންޖެލަސްގައި ވައްކަމާއި ފޭރުން އިތުރުވެފައިވާއިރު މިހާތަނަށް ބައެއް ހޮލީވުޑް ތަރިންނަށް ވެސް ވަނީ އެކަމުގެ އަސަރު ކޮށްފަ އެވެ.