ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ދޫކޮށްލުމަށް ވިލާ ކުންފުނިން ތައްޔާރު ކަމަށާއި އެކަމާ ޖަދަލުކުރަން ބޭނުންފުޅުނުވާ ކަމަށް އެ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ހާމަކުރައްވައިފި އެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް މިގޮތަކަށް ވިދާޅުވެފައި ވަނީ ކާޑެއްދޫ އެއާޕޯޓުގެ މައްސަލައާ ގުޅޭގޮތުން ވިލާ އެއާގެ ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއިން ބޭއްވި ބައްދަލުވުމުގަ އެވެ.

ކާޑެއްދޫ އެއާޕޯޓްގެ ފެންވަރު ދުވަހުން ދުވަހަކަށް ދަށަށްދަމުންދާ ކަމަށް ވިދާޅުވެ އެކަމާމެދު ސުވާކުކުރުމަށް ވިލާ ގްރޫޕްގެ ބޭފުޅުން ހާޒިރުކޮށްގެން މިއަދު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ވިލާ ގްރޫޕުން ކުރަމުންދަނީ ޓްރާސްޕޯޓް މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

"ސަރުކާރުން ވަކި ގޮތެއް ބޭނުންފުޅުވެގެން މިވެނިހެން އެވެނިހެން ވިދާޅުވާން ވެއްޖިއްޔާ އަޅުގަޑުމެން މި ތިބީ ރީޒަނަބަލް ގޮތަކަށް ވަންޏާ، އަޅުގަޑުމެންނަށް ވެސް ގެއްލުމެއް ނުވަންޏާ އެތަން ދޫކޮށްލާ ގޮތަށް. އަޅުގަނޑުމެން ޖަދަލު ކުރުމެއް ނެތް،" ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގެ އެއާޕޯޓްތައް ހިންގަމުން އަންނައިރު އެތަންތަނަށް ދައުލަތުން ވަރަށް ބޮޑެތި ހަރަދުތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވައި އެހެން އެއާޕޯޓްތަކީ ވަރަށް ބޮޑެތި ގެއްލުންވަމުންދާ ތަންތަން ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ރައީސް މުހައްމަދު މުއިއްޒާއެކު ދެފަހަރަކު ވާހަކަ ދެކެވުނު ނަމަވެސް ދުނިޔޭގެ އިގްތިސޯދީ ހާލަތަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން އެއާޕޯޓް ތަރައްގީ ކުރުމަށް ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ގާސިމް ފާހަގަ ކުރެއްވި އެވެ. އަދި އެ ކުންފުނިން ތިބީ އެއާޕޯޓް ތަރައްގީ ކުރުމުގެ ވިސްނުމުގައި ކަމަށާއި އެ މަސައްކަތަށް ބޭނުންވާ މެޝިނަރީޒް ވިލާ ކުންފުނީގައި އެބަހުރި ކަމަށް ގާސިމް ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުން އެކަން އެހެން ގޮތަކަށް ކުރަން ބޭނުންވަންޏާ އެ ކުންފުންޏަށް ގެއްލުން ނުވާނެހެން އެތަން ދޫކޮށްލުމަށް ތައްޔާރަށް ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު ސަރުކާރުން ވިލާ ކުންފުނީގެ އަތުން އެތަން އިރުއިރުކޮޅާ އަތުލައި ގޯނާ ކުރާނަމަ އެކަން ކުރާނީ ކިހިނެތްތޯ ގާސިމް ވިދާޅުވި އެވެ.

ކުރީގައި ވެސް އެކަން ނުކުރެވުނީ އެހެންވެ ކަމަށާއި ކުރިން ވެސް އިންވެސްޓަރުން އައިސް ހުރިހާކަމެއް ނިންމާފައި އޮއްވައި ސަރުކާރުން އެއާޕޯޓް އެ ކުންފުނީގެ އަތުން ދަމައިގަތީ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ސިފައިން އަރައިގެން ވިލާގެ މުވައްޒަފުން އެތަނުން ބޭލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.