ބ. އަތޮޅު ފަޅު ރަށެއް ކަމަށްވާ މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 9 މީހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ތިން ދިވެހިންނާއި ފަސް ބިދޭސީންނެވެ.
ފުލުހުން ބުނީ މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެން ކަމަށެވެ.
ފުލުހުން ބުނީ މި މަހުގެ 15 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާރިކިލުން މި 9 މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 162 ދަޅު ބަނގުރާއާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 9 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރ. އިނގުރައިދޫ، ވަފާ، އަބްދުލް މުހުސިން ހަސަން 65 އ، ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލައި އަދި ދެން ތިބި 8 މީހުން ވެސް 15 ދުވަހަށް ބަނދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ޖަވާހިރުވާދީ، މާލެ، އަލްހާން ރަޝީދު ހުސައިން 49އ އާއި ޏ. ފުވައްމުލައް، ދިގުވާނޑު، ހޮލެންޑް، މަރިޔަމް ރިފާއު 25އ، އާއި ރ. އިނގުރައިދޫ، ވަފާ، އަބްދުލް މުހުސިން ހަސަން އާއި ކުމަރެސަން ޗިންނައިއަ، އިންޑިއާ 20އ އާއި ދިނޭޝް ސައްމިޔައްޕަން، އިންޑިއާ 29އ، އާއި އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، ސްރީލަންކާ 39އ، އާއި ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، ސްރީލަންކާ 46 އ، އާއި މުހައްމަދު މައްސޫދު، ބަނގްލަދޭޝް 46އ އަދި ސަބެޝަން ނަހާރަޖަ، ސްރީލަންކާ 31އ އެވެ.
ފުލުހުން ބުނިގޮތުގައި މި އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރުގެ ދަށުންނެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.