ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅުން ގޯސްވެ، ޕީއެންސީގެ ހަރަކާތްތަކުން އެކަހެރިވެ ހުންނެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕީއެންސީގެ ޖަގަހައިގައި އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުންނާ މިރޭ ބައްދަލުކުރައްވައިފި އެވެ.

އަބްދުއްރަހީމް ޕީއެންސީގެ ޖަގަހައިގައި ހަރަކާތްތެރިވާ ފޮޓޯއެއް "އަދަދު" ނޫހުން މިރޭ ވަނީ އާންމުކޮށްފަ އެވެ.

ޕީއެންސީގެ ޖަގަހައިގައި އަބްދުއްރަހީމާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު, ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އާއި ލޯކަލް ގަވަމަންޓުން މިނިސްޓަރު އާދަމް ޝަރީފާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އާއި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހިމެނިވަޑައިގަންނަވަ އެވެ.

"އަދަދު" ނޫހާ ވާހަކަދައްކަވަމުން މެންބަރު ޝުޖާއު މިރޭ ވިދާޅުވީ އެއީ ކުރިއަށް އޮތްތަނުގައި ޕާޓީގެ ކަންކަން ބާރަށް ކުރިއަށްގެންދާނެ ގޮތަކާ މެދު މަޝްވަރާކޮށްލަން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އަބްދުއްރަހީމާއި ރައީސް މުއިއްޒުގެ ގުޅުން ގޯސްވެ ޓޫރިޒަމް މިނިސްޓަރު ކަމުން އޭނާގެ ދަރިކަލުން އިބްރާހީމް ފައިސަލް ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަކިކޮށްފަ އެވެ. އަދި އެއަށްފަހު ވަނީ އަބްދުއްރަހީމްގެ ދަރިކަނބަލުންގެ ބަފައިބެ މުހައްމަދު ވަޖީހު އިބްރާހީމް އެމްޕީއެލްގެ ސީއީއޯކަމުން ވަކިކޮށްފަ އެވެ.

އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމުން ވަކިކުރުމުގެ ނުރަސްމީ މަޝްވަރާތަކެއް މީގެކުރިން އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުންކޮށްފައިވެ އެވެ. އަދި އެ ޕާޓީގެ ރަސްމީ ވަޓްސްއެޕް ގްރޫޕްތަކުން ވެސް އޭނާ ވަނީ ބޭރުކޮށްލާފަ އެވެ.

ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އަބްދުއްރަހީމަށް ހާއްސަކޮށް ހަދާފައިވާ ކެބިންގެ ތަޅު ވެސް ވަނީ ރައީސް މުއިއްޒުގެ އެންގެވުމަށް ބަދަލުކޮށްފަ އެވެ.