އޭނާއަކީ ހަނދާނީ ފިލާއާއި ޓްރޮފީ ހެދުމަށް ކުޅަދާނަ މީހެއް. ކުރެހުމުގެ ތެރެއިން އެންގްރޭވްގެ ފަންނަށް ވަދެވުނުތާ އަދި މާގިނަ ދުވަސްވެފައި ނުވި ނަމަވެސް އެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ހަލުވި ދުވެއްޔެއްގައި. އެ މަސައްކަތަށް ބޭނުންވާ ވިސްނުމާއި ހުނަރު ހުރިކަމަށް އޭނާ ބުނޭ. އޭނާގެ މަސައްކަތް މޮޅުކަމަށް ފާހަގަކޮށް މިދިޔަ އަހަރު އޭނާއަށް ވަނީ އެވޯޑެއް ވެސް ދީފައި. ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭ އޯޑަރު ޑެލިވާކުރުމަކީ މިހާރު ފަސޭހަކަމެއް ކަމަށް އޭނާ ބުނޭ. ނަމަވެސް އޯޑާ ލިބޭވަރަށް މަސައްކަތް ނުކުރެވޭ ކަމަށާއި އިތުރަށް މަސައްކަތް ފުޅާކުރަން ކުރަން ޖެހޭ މަސައްކަތް މިހާރު އޭނާ އަންނަނީ ކުރަމުން ކަމަށް ބުނޭ.

ޚިދުމަތެއްގެ އަގުވަޒަންކޮށް އަރުވާ ހަނދާނީ ހަދިޔާއަކީ އެ ކުރި މަސައްކަތެއްގެ އިޚްލާސްތެރިކަން ދައްކައިދޭ ފަހަށް ރައްކާކުރެވޭ އަލިގަދަ ނިޝާނެކެވެ. އެހަނދާނީ ހަދިޔާއިން މަސައްކަތް ކުރި ތަނެއްގެ ހައިބަތާއި، ގަދަރާއި، އިއްޒަތް ރަމްޒުކޮށްދެ އެވެ.

ހަސަން ޒަރީރު (ހަސަނިކޯ) ޚާއްސަވަނީ ފެންވަރު ރަނގަޅު އާޑިޒައިންތަކުގެ ހަދާނީ ފިލަޔާއި ޓްރޮފީ އުފައްދާތީ އެވެ. ނ. ހޮޅުދޫއަށް އުފަން އެރަށު ހެޕީލައިފް ހަސަނިކޯއަށް އެމަސައްކަތުގެ ތެރެއަށް ވަދެވުނީ، ކުރެހުމަށް ހުރި ޝައުގުވެރިކަމެއްގެ ތެރެއިން ކަމަށް އޭނާ ބުންޏެވެ. މީގެ އަހަރުތަކެއް ކުރިން ފެށުނު މިމަސައްކަތުން އުފައްދާ ތަކެތީގެ ފެންވަރު ރަނގަޅުކަމާއި ރީތިކަމުން ގިނަބައެއްގެ ލޯތައް ހަސަނިކޯގެ އުފެއްދުންތަކަށް ވަނީ ވަރަށްބޮޑަށް އަމާޒުވެފަ އެވެ.

އެކްރީލިކް ޓްރޮފީއެއް: ޓްރޮފީއެއް ހަދާލަން ގިނަ ވަގުތު ނަގާކަމަށް ބުނި

ހޮޅުދޫ މޭނާ ސްކޫލުން ތައުލީމު ހާސިލް ކުރި ހަސަނިކޯއަކީ ކުރެހުމުގެ ފަންނަށް ވަރަށްބޮޑަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އޭނާގެ ޖާދޫއެއްފަދަ ކުލަފިހިން ފަވާލި ގުދުރަތީ ރީތި މަންޒަރުތައް މީހުންނަށް ރީތިވެ، ޚިތާނީ ގޭގޭގެ ފާރުތައް ކުރަހާ ޒީނަތްތެރިކުރަން ދައުވަތު ދިނެވެ. އެ ކުރެހުންތައް ވަރަށް ތަފާތުވެފައި ހިތްގައިމެވެ. މީހުންގެ ބޮޑު ތަރުހީބެއް އެ ކުރެހުންތަކަށް ލިބުމުގެ ނަތީޖާއަކަށްވީ ގިނަ އޯޑަރުތަކެއް ލިބެން ފެށުމެވެ.

"ކުރެހުމަށް ވަރަށް ޝައުގުވެރިކަން ހުރޭ އަބަދުވެސް. އެހެންވެ އަޅުގަނޑު ކުރަހަން ހުރިހާ ވައްތަރެއްގެ ކުރެހުމެއް ވެސް. މިސާލަކަށް އެކްރީލިކް ކުލައިން ހޭންޑް ޕްރިންޓް ވެސް ކުރަހަން. ފުރަތަމަ އެކަން ފެށުނީ ވެޑިން ޕާޓީތަކާއި ޚިތާނުކުރާ ތަންތަނުގެ ފާރުތައް ޑެކަރޭޓް ކުރުމުގެ ތެރެއިން. ވަރަށް ގިނަ މީހުންގެ ތަރުހީބު ލިބުނު އެ ކުރެހުންތަކަށް. އެއަށްފަހު ގިނަ އޯޑާތަކެއް ލިބެން ފެށި،" ހަސަނިކޯ ކިޔައިދިނެވެ.

ހަސަނިކޯ ކުރާމަސައްކަތް ވަރަށް ފާޑުވެރިވެފައި ރީތި: މިއީ ސިމެންތި ބޭނުންކޮށްގެން ހާދާފައިވާ ބާޒެއް

ކުރެހުމުން ކްރާފްޓް (އަތްތެރި މަސައްކަތް ) ތެރެއަށް

އޭނާ ކުރެހުމުގެ ތެރޭގައި އުޅެނިކޮށް ކްރާފްޓްގެ ކަންކަން ވެސް އޭނާ ލައްވާކުރުވުމަށް މީހުން ބޭނުންވި އެވެ. ކްރާފްޓްގެ މަސައްކަތަށް އޭރު މުޅިން އާނަމަވެސް އެ މަސައްކަތް ވެސް ކުރެވޭތޯ އޭނާ މަސައްކަތް ކުރި އެވެ. އަދި އެކަން އޭނާ ކާމިޔާބުކުރި އެވެ. އަތުންކުރާ ކްރާފްޓް މަސައްކަތުގައި ހަމައެކަނި އުނދަގޫ ކަމަށް އޭނާއަށް ފެނުނީ ކޮށައި މަށައި ހެދުމުގައި ހޭދަވާ ވަގުތުގެ ދިގުކަމެވެ. ވީމާ ކްރާފްޓްގެ މަސައްކަތްކުރުމަށް އެކަމަށް ބޭނުންވާ އާލާތް ހޯދައި އެމަސައްކަތް ވެސް ފެށި އެވެ. މިހާރު އޭނާ ހަމައެކަނި ކުރަހަނީއެއް ނޫނެވެ. އޭނާއަކީ މޮޅަށް ކްރާފްޓްގެ މަސައްކަތްކުރާ މީހެއްގެ ގޮތުގައި އެހެން މީހުން ބަލައިގަނެފައިވާ މީހެކެވެ.

ލަކުޑީގައި އަތުން ކަނޑައިނަގައިގެން ބޯޑެއް ހެދުމުގައި: ގިނަބައެއްގެ ތައުރީފު ހަސަނިކޯގެ އުފެއްދުންތަކަށް ލިބޭ

އަތްތެރި މަސައްކަތުން ލޭޒާ އެންގްރޭވިންގް(ކަނޑާ ނެގުން)

ކުރެހުމުން ކްރާފްޓްސްގެ މަސައްކަތަށް ވަދެވުނު ހަސަނިކޯ، އަހަރުތަކެއް ފަހުން އެންގްރޭވްގެ މަސައްކަތަށް ވަދެވުނެވެ. އެންގްރޭވް ކުރުމުގެ މަސައްކަތް ކުރަން ފެށި ފަހުން އަދި މާގިނަ އަހަރުތަކެއް ނުވާކަމަށް، އޭނާ ބުންޏެވެ. ނަމަވެސް އޭނާގެ އެންގްރޭވް މަސައްކަތުގެ ފުރިހަކަމާއި ނަލަކަމުން މީހުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.

ފުޅިމަދުން ހަދައިފައިވާ ކުޑަ ފަހާފޮށްޓެއް: ހަސަނިކޯ އަކީ ކަވިމަސައްކަތަށް ވެސް މޮޅުމީހެއް

ލިބޭ މަސައްކަތް ފުނިޖެހެން ފެށި އެވެ. އޭނާ ބުނިގޮތުގައި ކޮންމެ މަހެއްގެ 11 ނުވަތަ 12އާ ހަމައަށް އޮންނަނީ އޯޑަރުތަކުން ފުލްވެ އިތުރު އޯޑަރެއް ނުނެގޭ ހިސާބުގަ އެވެ.

"އެންގްރޭވް މިއީ ވަރަށް ޑިމާންޑްއޮތް މަސައްކަތެއް. ވަރަށް ރަނގަޅު އާމްދަނީއެއް ވެސް ލިބޭ. އޯޑަރު ލިބޭ ވަރަށް މަސައްކަތް އޮންނަނީ ނުކުރެވިފައި،" ފަންނުވެރިން ފާހަގަކޮށް ހޮޅުދޫގައި އެންމެފަހުން ބޭއްވި ހޮޅުފަހި އެވޯޑު ހާސިލްކޮށްފައިވާ ހަސަނިކޯ ބުންޏެވެ.

ކްރާފްޓް މަސައްކަތުގައި އަމިއްލަ ވިސްނުމުގެ މައްޗަށް ގިނަ ތަކެތި އޭނާ ތައްޔާރުކުރެ އެވެ. މަސައްކަތް ހަވާލުކުރާ މީހުން ބޭނުންގޮތަށް (ކަސްޓަމައިޒް) ކޮށްވެސް ތައްޔާރު ކޮށްދެ އެވެ. އޭނާ ކްރާފްޓްކޮށް އެންގްރޭވް ކުރާ ތަކެތީގެ ތެރޭގައި ޓްރޮފީ، ހަނދާނީ ފިލާ، ކައިވެނީގެ ރަން ހިމެނެ އެވެ.

ކައިވެނީގެ ރަން: އޭނާއަކީ މޮޅު ޑިޒައިނަރެއް

އޭނާ އެންގްރޭވިންގެ މަސައްކަތަށް ބޭނުންކުރަނީ އެކްރީލިކް ޕްލާސްޓިކެވެ. ލަކުޑިން ތައްޔާރުރާ ތަކެއްޗަށް ބޭނުންކުރަނީ އޮރިމަސް ވަކަރެވެ. އެންގްރޭވްކޮށް ތައްޔާރުކުރާ އެއްޗެއްސަކީ ފަށަލަތަކެއްގައި ކުރާ ވަރަށް ކަވި މަސައްކަތްތަކެވެ. ބައެއް ޓްރޮފީ ކަނޑާއި، ރާވާއި ނިންމާލަން ދުވާލެއްގެ އެއްބައި ހޭދަވާ ކަމަށް އޭނާ ބުންޏެވެ.

އޭނާގެ މި އެންގްރޭވްގެ ވިޔަފާރި އިސްތިހާރުކޮށް ފުޅާކުރުމަށްޓަކައި ވަކިން ޕޭޖެއް ހަދައި، އެ އުފެއްދުންތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.

އެކްރީލިކް ޓްރޮފީއެއް: ޓްރޮފީއެއް ހަދާލަން ގިނަ ވަގުތު ނަގާކަމަށް ބުނި

މިއަދު ހަސަނިކޯއަކީ ކުރެހުމާއި، ކްރާފްޓާއި، އެންގްރޭވް ކޮށްފައިވާ ތަކެތި އުފައްދާ "ހަސަނިކޯ އާޓް"ގެ ހީވާގީ ވެރިޔާ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި މުބާރާތްތަކާއި ހަފްލާތަކަށް ބޭނުންވާ ޓްރޮފީ އަދި ހަނދާނީފިލާ އޭނާގެ ކުންފުންޏަށް އޯޑަރުދީގެން ތައްޔާރުކުރުވަނީ އޭނާގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެފައި ރީތިވުމުންނެވެ. އޭނާގެ ޕޭޖަށް ލިބޭ ކޮމެންޓްތަކުން އެހެރީ އެކަން ސާބިތުވާށެވެ.

ތަފާތު އާޑިޒައިން އުފެއްދުމަކީ އޭނަގެ އަމާޒު

ހަސަނިކޯ އާޓްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނީގެ މަސައްކަތްތައް ހިނގަނީ ހޮޅުދޫގަ އެވެ. ވަރަށް ހީވާގި އަދި އެހާމެ ފެންވަރު ރަނގަޅު ސްޓާފުން ލައިގެން އެ ކުންފުނި ހިންގާ ގޮތާ ބެހޭ ކުޑަ ތައާރަފެއް ވެސް ހަސަނިކޯ ހިއްސާކޮށްލި އެވެ.

"އިމާރާތެއް ކުއްޔަށް ނަގައިގެން އެތެރޭގައި ޕާޓިޝަނެއް ޖަހައިގެން ދެބައި ކޮށްލައިގެން އެތާގައި މިމަސައްކަތް ކުރިއަށް ގެންދަނީ. އެތަނަށް ވަންނައިރު ފުރަތަމަ އިންނާނީ ޕޭޕާ ޕްރިންޓްކުރާ ބައި. ޕާޓިޝަން ފަސްދީ އެތެރެއަށް ވަންނައިރު އިންނާނެ އެންގްރޭވް މެޝިން. މިހާރު އިންނާނެ ކެންވަސް ޕްރިންޓަރެއް ވެސް. ސީދާ އެ ފަންނުގެ ކޮލިޓީ ދެ ސްޓާފުން ތިބޭނެ. ޑިޒައިންކުރުމުގެ ކަންތައް އެމީހުން ކުރާނެ. ދެން ހުރިހާ އެއްޗެއް ވެސް ފައިނަލްކުރާނީ އަޅުގަނޑު،" ތަފާތު އަމިއްލަ ޑިޒައިންތައް ނެރުމަށް އިސްކަންދޭ ހަސަނިކޯ ކިޔައިދިނެވެ.

ހަސަނިކޯ ހަދައިފައިވާ އެކްރީލިކް ޓްރޮފީއެއް: އޭނާގެ އަމިއްލަ ވިސްނުމަށް ގިނަތަކެތި ފަރުމާކުރޭ

މަސައްކަތުގެ ކުރީކޮޅުގައި ދިމާވި އުނދަގުލަކީ ކޮބައިތޯ އެހުމުން ހަސަން ބުނީ، ރާއްޖޭން ދެކުނުގެ ރަށްތަކަށް އޭނާ އުފައްދާ ތަކެތި ފޮނުވަން ކުރިން އުނދަގޫ ކަމަށެވެ. ނަމަވެސް މިހާރު އެކަން ހައްލު ކުރެވިފައިވާ ކަމަށާއި، ރާއްޖޭގެ ކޮންމެ ދިމާލަކުން ވެސް އޯޑަރު ނަގައި ކަސްޓަމާ ބޭނުންގޮތަކަށް ތައްޔާރުކޮށް އަދި ޑެލިވާ ވެސް ކުރެވޭ ކަމަށް އޭނާ ބުންޏެވެވެ. ޑެލިވާކުރުމުގެ މައްސަލަ ހައްލުވުމަށްފަހު ބައެއް ރިސޯޓުތަކުން ވެސް ހަސަނިކޯ އާޓްސް އާއެކު އެގްރީމެންޓްތައް ހަދާފައިވާކަން އޭނާ ފާހަގަ ކުރި އެވެ.

ލިބޭއޯޑަރާއި އެއްވަރަށް މަސައްކަތް ނުކުރެވޭކަން އޭނާ ގަބޫލުކުރެ އެވެ. އެކަމަށް އަވަސް ހައްލެއް ގެނައުމަކީ ޚިދުމަތް ލިބިގަންނަ ފަރާތްތައް އެންމެ ބޮޑަށް އެދޭ އެދުމެވެ. އެކަމަށް ހައްލެއް ގެންނަން ވިސްނާކަން އޭނާގެ ވާހަކައިން ސާފުވެ އެވެ.

"ތަކެތި ހަދާ މެޝިން ކުޑަ ވެސް ވެއްޖެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް މެޝިން ބޮޑުކުރާ ވިސްނުމެއް އެބަ ގެންގުޅެން. ޖާޒީ ޕްރިންޓް ފެށުމުގެ ވިސްނުމެއް ވެސް އެބަ ގެންގުޅެން. އޭގެ އިތުރުން އަޅުގަނޑުމެންގެ އިތުރު ދެތަނެއް ރާއްޖޭގެ އެހެން ހިސާބުތަކުގައި ގާއިމުކުރަން ވެސް ވިސްނަމުން މިދަނީ،" އޭނާ ބުންޏެވެ.

އެކްރީލިކް ޓްރޮފީއެއް: ރާއްޖޭގެ ގިނަ ހަފްލާ ތަކަކަށް އޭނާ ޓްރޮފީ ތައްޔާރު ކޮށްދެމުންދޭ

ހަސަނިކޯގެ މަސައްކަތުގައި އެންމެބޮޑު އެހީތެރިކަމެއް ލިބެނީ އޭނާގެ އަންހެނުންގެ ފަރާތުންކަން އޭނަ ވަރަށް އުފަލާއެކު ފާހަގަ ކުރި އެވެ. އޭގެ އިތުރުން އޭނާގެ އާއިލާގެ ވަރަށްބޮޑު އެއްބާރުލުމެއް ފެށުނީއްސުރެ މިއަދާއި ހަމައަށްވެސް ލިބެމުން އަންނަ ކަމަށާއި މިހާރުވެސް އޭނާގެ ބޭބެއަކާއި ކޮއްކޮއެއްގެ އެހީތެރިކަން ކޮންޕެނީގެ މަސައްކަތުގައި ލިބޭ ކަމަށް އޭނާ ބުންޏެވެ.

ގާތްރައްޓެހިންގެ ޚިޔާލާއި މަޝްވަރާ ވެސް ވަރަށް ގާތުން ހޯދާކަން ފާހަގަކޮށް އެފަރާތްތަކަށް އޭނާގެ ހިތުގެ އެންމެ ފުންމިނުން ޝަކުރު އަދާކުރެ އެވެ. ހަސަނިކޯގެ މަސައްކަތަށް މި ޓްރޮފީތައް ހައްގެވެ. މަސައްކަތް އެހާވެސް ފުރިހަމަވެފައި ޗާލެވެ.