ގާނޫނީ ކޯޅުމެއްގެ ތެރޭގައި އުޅެމުން އަންނަ ހޮލީވުޑްގެ ދެ ތަރިން ކަމަށްވާ ޖަސްޓިން ބެލްޑޯނީއާއި ބްލޭކް ލައިވްލީ އެންމެ ފަހުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އަޑުތައް އަރައިފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެ ދެމީހުން އެއްބަސްވެފައިވަނީ މިހާރު ކުރިއަށްދާ ކޯޓު މައްސަލަތައް އެއް ފަރާތްކޮށް ސުލްހަވުމުގެ ފުރުސަތު އެއްވެސް ވަރަކަށް ނެތް ކަމަށެވެ.
އެހެން ކަމުން ދެ ތަރިން ވެސް އެކަކު އަނެކަކަށް ކޮށްފައިވާ ތުހުމަތުތަކާއި ކޯޓު ދައުވާއާއެކު ކުރިން ވެސް ރޭވިފައި އޮތް ގޮތަށް ކުރިއަށްދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
އަންނަ މާޗު މަހަށް ފުރަތަމަ އަޑުއެހުން ތާވަލް ކުރެވިފައިވާ ބްލޭކްގެ ދައުވާގައި ބުނެފައިވަނީ އޭނާއާއި ޖަސްޓިން އެކުގައި މަސައްކަތްކުރި "އިޓް އެންޑްސް ވިތު އަސް"ގެ ޝޫޓިންގައި ޖަސްޓިން އޭނާއަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ބްލޭކް ހުށައެޅި އެ މައްސަލައިގެ ރައްދުގައި އޭގެ ދެ ހަފްތާ ފަހުން ޖަސްޓިން ވަނީ ބްލޭކްއަށް އަބުރުގެ ދައުވާ ކޮށްފަ އެވެ.
ކޯޓުގެ ބޭރުން އެއްބަސްވުމަކަށް އަންނަން މަޝްވަރާ ކުރަން ކޯޓުން އަމުރެއް ނެރެފައި ވީނަމަވެސް އެކަން ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.
ދެތަރިންވެސް ސުލްހަވާން ދެކޮޅު ހަދައި ގޮތުގައި ހުންނަން ނިންމި ނިންމުމާއެކު އެ ކޯޅުން އަދިވެސް އިތުރަށް ދިގުދެމިގެން ދާނެ ކަމަށް ލަފާކުރެވެ އެވެ.