ރާއްޖެ އިޝްތިހާރު ކުރުމަށް ބޮލީވުޑްގެ ބައެއް މަޝްހޫރު ފަންނާނުންނާއެކު ހާއްސަ ހަރަކާތެއް އެމްއެމްޕީއާރުސީން ކުރިއަށް ގެންގޮސްފި އެވެ.
އިންޑިއާގެ މުމްބާއީގައި ހުންނަ ފޯ ސީޒަންސް ހޮޓަލުގައި "މޯލްޑިވިއަން ނައިޓް"ގެ ނަމުގައި ބޭއްވި މި ހަފްލާގައި އިންޑިއާގެ ފިލްމީ ސިނާއަތުގެ މަސައްކަތް ކުރާ 100 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މާކެޓެއް ކަމަށް ވާތީ، އެޤައުމުގެ މަޝްހޫރު ޝަހްސިއްޔަތުތަކާއެކު ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކަކީ އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިސްތިހާރުކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ހަރަކާތުން އިންޑިއާގެ ރައްޔިތުންގެ މެދުގައި ރާއްޖެއަށް އޮތް ޝައުގުވެރިކަމާ ލޯބި ފާޅުވެގެން ދިޔަކަށް ޝިއުރީ ވިދާޅުވި އެވެ. އަދި މި ހަފްލާގައި ބައިވެރިވި ބޮލީވުޑްގެ ފަންނާނުންނަށް ރާއްޖޭގައި ލިބެންހުރި އެކިއެކި ތަޖުރިބާތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެވުނެވެ.
"މުމްބާއީގައި ބޭއްވުނު 'މޯލްޑިވިއަން ނައިޓް' އަކީ އިންޑިއާގެ މާކެޓަށް އަޅުގަނޑުމެން ދޭ އިސްކަމުގެ ހެއްކެއް އަދި 2025 ވަނަ އަހަރު ކުރިއަށްގެންދާ ކެމްޕޭންތަކުން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް،" ޝިއުރީ ވިދާޅުވި އެވެ.
"މޯލްޑިވިއަން ނައިޓް"ގައި ބައިވެރިވި ގިނަ އަދަދެއްގެ މަޝްހޫރު ފަންނާނުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފަ އެވެ.