ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމުގައި އިސްދައުރެއް އަދާކުރެއްވި، އޭރުގެ ޕާޓީގެ ނައިބު ރައީސުންކަމުގައިވާ މިހާރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއަކީ ޣައްދާރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ ތާރީޚުގައި ކުރު މުއްދަތެއްގައި ގިނަ ކާމިޔާބީތަކެއް ހޯދި ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޕީޕީއެމް، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސިޔާސީ ޕާޓީތަކުގެ ރަޖިސްޓްރީން އުނިކޮށް އުވާލިކަން އިއުލާންކޮށްފަ އެވެ.
މި ނިންމުމަކީ އެ ޕާޓީގެ ސެނެޓުން މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ނިންމި ނިންމުމެކެވެ. ސެނެޓުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޣައްސާނާއި ޝިޔާމް އެވެ.
ޕީޕްލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޔާމީން ވިދާޅުވީ ޕީޕީއެމް އުވާލުމަކީ އާންމު މެންބަރުން މަގުމަތިކޮށްލުން ކަމަށެވެ. އަދި ޕީޕީއެމްގައި ބުރަކޮށް މަސައްކަތް ކުރި ގިނަ ޒުވާނުން ބާކީކޮށް ސަރުކާރުގެ މަޤާމުތައް ދީފައިވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓުންނަށް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމް މަގުމަތި ކުރުމުގެ ޒިންމާ ފުރަތަމަ ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސް މުއިއްޒު ކަމަށާއި އެކަމުގައި އެންމެ ބޮޑު ޣައްދާރުންގެ ގޮތުގައި ތިބީ ޣައްސާން އާއި ޝިޔާމް ކަމަށެވެ.
މީގެ އިތުރުން ޕީޕީއެމްގެ ޒުވާނުން ބާކީކުރީ މަޖިލީހުގެ ބައެއް މެންބަރުން މަޖިލިސް ގޮނޑި ކާމިޔާބު ކުރުމަށް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އެގޮތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންގެ ނަން ފާހަގަކުރެއްވި އެވެ.
"އެ މީހުން އެ މީހުންގެ ގޮނޑީގެ ބޭނުމުގައި ޕީޕީއެމް އާއި ޕީޕީއެމްގެ ޒުވާނުން މަގުމަތިކޮށްލީ." ޔާމީން ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ބޭނުން ކުރެއްވީ ރައީސް ޔާމީންގެ ނަންފުޅާއި ޕީޕީއެމްގެ މެންބަރުން އެމަނިކުފާނަށް ކުރެއްވި ތާއީދެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ޔާމީން ބާކީ ކުރައްވާ، އެންމެފަހުން ޕީޕީއެމްވެސް ވަނީ އުވާލައްވާފަ އެވެ.