2000ގެ އަހަރުތަކުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ބޮލީވުޑްގެ ތަރި އަމީޝާ ޕަޓޭލްއާއި ސަލްމާން ޚާންގެ މެދުގައި ކުރެވިދާނެ ކައިވެންޏަކާ ބެހޭގޮތުން އަމީޝާ ވާހަކަ ދައްކައިފި އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަމީޝާ ބުނީ އެއީ ބެލުންތެރިންގެ ފަރާތުން އޭނާއަށް ވަރަށް ގިނައިން އަންނަ ސުވާލެއް ކަމަށާއި އެކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދާ ކަމަށެވެ.

"ވަރަށް ގިނަ މީހުން ބުނާނެ ސަލްމާން ވެސް ހުރީ ހުހަށޭ. އަމީޝާ ވެސް ތިހުރީ ހުހަކަށް ނޫންހޭ. އެހެންވީމަ ދެމީހުން ކައިވެންޏެއް ކުރަންވީނޫންހޭ" އަމީޝާ ބުންޏެވެ.

އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ސަމާސާ ރާގަކަށް އަމީޝާ ބުނީ އެކަން ވެއްޖެނަމަ އެމީހުން ވާނީ ދުނިޔޭގެ އެންމެ ރީތި ދެމަފިރިންނަށް ކަމަށެވެ. އެއާއެކު އެމީހުންނަށް ލިބޭ ދަރިން ވެސް ވާނީ ބުރުސޫރަ ރީތި ކުދިންތަކަކަށް ކަމަށް އަމީޝާ ފާހަގަ ކުރި އެވެ.

އެއާއެކު އަމީޝާ ވަނީ ބެލުންތެރިންގެ ފަރާތުން ލިބޭ އެފަދަ ކޮމެންޓްތަކާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ "ކަހޯނާ ޕްޔާރުހޭ" އަށްފަހު އޭނާއާއި ރިތިކް އަސްލު ދިރިއުޅުމުގައި ވެސް ގުޅެން ގިނަ ބަޔަކު އުއްމީދުކުރި ކަމަށާއި ރިތިކް އެހެން މީހަކާ ކައިވެނި ކުރުމުން ގިނަ ބަޔަކު މާޔޫސްވި ކަމަށެވެ.

މިވަގުތު ބޮލީވުޑްގައި މާ ބޮޑަށް ހަރަކާތްތެރި ނުވާނަމަވެސް އަމީޝާއަކީ ވަރަށް މަދުން މިހާރުވެސް ބައެއް ފިލްމުތަކުން ފެންނަ ތަރި އެކެވެ.