އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި މުޒާހަރާއަށް އެތައް ހާސް މީހުން ނުކުމެ އިސްތިއުފާއަށް ގޮވައި، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ސިއްސުވާލައިފި އެވެ.

ރޭ 8:30 ގައި އާޓީފިޝަލް ބީޗުން ފެށި މުޒާހަރާގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. މަގުތައް ފުރާލާ ކުރި މުޒާހަރާގައި ސަރުކާރާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހި މާޔޫސްވެފައި ވާކަން ވަނީ ފެނިގެން ގޮސްފަ އެވެ. މިއީ މި ސަރުކާރާ ދެކޮޅަށް މިހާ ބޮޑު މުޒާހަރާއެއް މާލޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.

ރައީސް މުއިއްޒުގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްތިއުފާއަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މުޒާހަރާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒަށް ގޮވާލެއްވީ އަނިޔާވެރިނުވެ ފަހަތަށް ޖެހިވަޑައިގެން އިސްތިއުފާ ދެއްވުމަށެވެ.

"ފުދިއްޖެ، ފުނޑިއްޖެ" ގެ ނަމުގައި އެމްޑީޕީން އިސް ނަގައިގެން ބޭއްވި މުޒާހަރާގައި އެ ޕާޓީގެ އިސްވެރިން ބައިވެރިވަނީ. މިއީ މި ސަރުކާރާ ދެކޮޅަށް މާލޭގައި ކުރެވޭ އެންމެ ބޮޑު މުޒާހާރާ. ފޮޓޯ: އެމްޑީޕީ

ހޯމް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާފައިވަނީ ދައުލަތުގެ މުއައްސަސާތަކުގައި ރައްކާކޮށްފައިވާ މައުލޫމާތު ވަގަށް ބޭނުންކޮށް ދައުލަތުގެ މުދާ ބޭނުންކޮށްގެން ޕީއެންސީއަށް ފޯމު ފުރިކަމުގެ ތުހުމަތާއެކު އެވެ.

މި އެއްވުމުގެ ވާހަކަދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ގާނޫނު އަސާސީ ފުނޑާލާ ރައްޔިތުންގެ މަޖިލިސް ވާކޮށްލާ ރައްޔިތުންގެ އަޑު ކަނޑުވާލީމާ ދެން އަޅުގަނޑުމެންނަށް އޮތީ ހަމަ ނުކުމެ މަގުމަތިން ތިޔަ ބޭފުޅުންނާ [ސަރުކާރަށް] އަޑު އިއްވުން ކަމަށެވެ.

"ރައީސް މުއިއްޒު.. އިސްތިއުފާ، ހޯމް މިނިސްޓަރު.. ވަކިކުރޭ. މިހުރިހާ އެއްމެންގެ އަޑުތައް ދެންސިލްސިލާކޮށް އަޅުގަނޑުމެންދާނީ އިއްވަމުން،" އޭނާ ވިދާޅުވި އެވެ.

"ފުދިއްޖެ، ފުނޑިއްޖެ" ގެ ނަމުގައި އެމްޑީޕީން އިސް ނަގައިގެން މާލޭގެ މަގުމައްޗަށް ނުކުމެ ރޭ މުޒާހަރާ ކުރަނީ. މިއީ މި ސަރުކާރާ ދެކޮޅަށް މާލޭގައި ކުރެވޭ އެންމެ ބޮޑު މުޒާހާރާ. ފޮޓޯ: އެމްޑީޕީ

އެއްވުމުގައި ވާހަކަދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އީސާ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކޮށްފައިވާ އެތައް ބަޔަކަށް މި ސަރުކާރުގެ ސަބަބުން ގެއްލުންވަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރިސޯޓް މުވައްޒަފުންގެ މުސާރައަށް ވެސް ނުރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ އެމްޑީޕީން މަގުމައްޗަށް ނުކުންނަން މަޖުބޫރުވީ ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.

"ފުދިއްޖެ، ފުނޑިއްޖެ" ގެ ނަމުގައި އެމްޑީޕީން އިސް ނަގައިގެން މާލޭގެ މަގުމައްޗަށް ނުކުމެ ރޭ މުޒާހަރާ ކުރަނީ. މިއީ މި ސަރުކާރާ ދެކޮޅަށް މާލޭގައި ކުރެވޭ އެންމެ ބޮޑު މުޒާހާރާ. ފޮޓޯ: އެމްޑީޕީ

މުޒާހަރާ ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާޝަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ސަރުކާރު ބަދަލު ވަންދެން ނުވަތަ ހަމަ މަގަން އެޅެންދެން ކުރިއަށް އޮތް ތަނުގައި ސިލްސިލާ މުޒާހަރާތައް ކުރާނެ ކަމަށެވެ.