ފުޓުބޯޅަ ދަނޑެއްގެ ބޮޑުމިން ހުރި ގިނިހިލައެއް ދުނިޔެއާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ)އިން ބުނެފި އެވެ.

އީއެސްއޭއިން ބުނީ ބޮޑުމިނުގައި 100 މީޓަރާއި 40 މީޓަރު ހުންނަ އެ ގިނިހިލަ މިވަގުތު ދަތުރު ކުރަނީ ދުނިޔެއާ 27 މިލިއަން މޭލު ދުރުން ކަމަށެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި އެ ގިނިހިލަ ދުނިޔެއަށް ވެއްޓުމުގެ 83 ޕަސެންޓް ފުރުސަތު އެބައޮތް ކަމަށް ވެސް އެ އެޖެންސީއިން ބުނެ އެވެ.

"2032 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ގިނިހިލަ ދުނިޔޭގެ އޯބިޓަށް ވަންނާނެ" އީއެސްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ އިދާރާއިން އިތުރަށް ބުނީ 2024YR4ގެ ނަމުން ނަން ދީފައިވާ އެ ގިނިހިލަ ދުނިޔެއަށް ވެއްޓިއްޖެނަމަ އެ ވެއްޓޭ ސަރަހައްދަކަށް ފުދޭވަރެއްގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ.

މިއީ ދުނިޔޭގެ ދިރުމަށް އޮތް ނުރައްކަލެއް ކަމަށާއި މި އިންޒާރު ސީރިއަސް ގޮތުގައި ނެގުން މުހިއްމު ކަމަށް ވެސް އީއެސްއޭއިން ބުނެފައިވެ އެވެ.

އެހެން ކަމުން އެ ގިނިހިލައިގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެ އިދާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.