ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ހޯރަފުއްޓަށް ވަޑައިގެން މިރޭ އެރަށުގައި ބޭއްްވި ޖަލްސާގައި ގިނައީ ހުސްގޮނޑި އެވެ.

އެ ޖަލްސާ ފެށުނުތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެގޮތުން ޖަލްސާގެ ކުރީގެ ސަފުތަކުން ވެސް ބައެއް ހުސް ގޮނޑިތައް ފެންނަން ހުއްޓެވެ.

ޖަލްސާގެ ފަހަތުގައި ހުރި ގޮނޑި ބަރިތައް ހުރީ ހުހަށެވެ. އެ ފޮޓޯއަކީ އެ ޖަލްސާގައި ގުރުއާން ކިޔަވަމުން ދަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ.

އެ ޖަލްސާގައި ހޯރަފުށީ ކައުންސިލް މެމްބަރު އަހްމަދު ރައޫފް ވަނީ އެރަށުގެ ތަރައްގީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ރައީސް މުއިއްޒުގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އެކަމާ ގުޅޭ ތަފްސީލީ ސިޓީއެއް ވެސް ކައުންސިލުން ވަނީ ރައީސް މުއިއްޒުގެ އަތްޕުޅަށް އަރުވާފަ އެވެ.

އެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެ ރަށުގައި 200 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން މިހާރު ވަނީ އިއުލާންކުރެވިފައި ކަމަށެވެ. އަދި ފުޓްސަލް ދަނޑަކާއި ހޭންޑް ބޯލް ކުޅޭނެ ކޯޓެއް ހޯރަފުށީގައި ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން އެރަށުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ ކެމްޕޭންގެ ތެރޭގައި އެރަށަށް ވައުދުވި ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ހޯރަފުއްޓަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވެސް ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ހިންގާފައިވާ ރަށެކެވެ. އެގޮތުން އެ ރަށުގައި އެއާޕޯޓެއް އެޅުމާއި މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުން ފާހަގަކުރެވެ އެވެ.