ކޮންމެ އާ އަހަރަކާ ދިމާކޮށް ވެސް އެތައް ބަޔަކު އާ އަހަރުގެ "ރިޒޮލޫޝަން"ތަކެއް ކަނޑައަޅަ އެވެ. ދިރިއުޅުން ކުރިއަށްވުރެ ރަނގަޅު ކުރަން ގެންނަންޖެހޭ ބަދަލުތައް ވިސްނައި ވަރަށް ޖޯޝާއެކު އެކަން ކުރަން ވެސް ފަށަ އެވެ.

އެހެން ނަމަވެސް ދެން ފެންނަ މަންޒަރަކީ މާ ގިނަ ދުވަހެއް ނުވެ އެއްކަލަ ރިޒޮލޫޝަންތައް އަތުން ދޫވުމެވެ. މިއަހަރުގެ ފުރަތަމަ މަސް ނިމެން ގާތްވެފައިވާއިރު މިއަހަރަށް ކަނޑައެޅި ރިޒޮލޫޝަންތައް ވެސް ގިނަ ބަޔަކު ވަނީ ދޫކޮށްލާފަ އެވެ.

އުފެދޭ ސުވާލަކީ އެގޮތަށް ކަނޑައަޅާ ކަންތައްތައް ގިނަ ދުވަހަށް ނުދެމެހެއްޓެނީ ކީއްވެގެންތޯ އުފެދޭ ސުވާލެވެ. އެ ސުވާލަށް ސައިންސުން މިވަނީ ޖަވާބު ދީފަ އެވެ.

ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން ހެދި ދިރާސާއިން ހާމަވި ގޮތުގައި ރަނގަޅު އާދައެއް ނުވަތަ ސިފައެއް އިންސާނެއްގެ ކިބައިގައި އަށަގަންނަން އެންމެ މަދުވެގެން ދެ މަސް ދުވަސް ބޭނުންވެ އެވެ. އެ މުއްދަތު އެއް އަހަރަށްވެސް ދެމިގެން ހިނގައިދާނެ އެވެ.

އެންމެ ކުރީއްސުރެ ގަބޫލު ކުރެވިފައި އޮތް ގޮތުގައި އާދަތައް އަށަގަންނަވަން ބޭނުންވަނީ 21 ދުވަހެވެ. އެހެން ނަމަވެސް އެ ގަބޫލު ކުރުންތައް މި ދިރާސާއިން ވަނީ އުވާލާފަ އެވެ.

2000 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށް ދިޔަ މި ދިރާސާގައި ގަވާއިދުން ފެން ބުއިމާއި ވިޓަމިންސް ކެއުން ފަދަ އާދަތައް ބައިވެރިންނަށް ދެވުނުއިރު އެފަދަ ކަންކަމަށް ހޭނި އާދަވާން މަދުވެގެން ދެ މަސް ދުވަސް ހޭދަވާކަން އެނގިފައިވެ އެވެ.

އެހެން ކަމުން ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން އަޒުމު ކަނޑައަޅައި އެކަމަށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން ފުރަތަމަ ދެ މަސް ދުވަހަކީ އެކަމަށް އިތުރު ހިތްވަރެއް ލާންޖެހޭނެ މުއްދަތެކެވެ. އެއަށްފަހު އެކަމެއް ދިރިއުޅުމާ ލާމެހި ދިރިއުޅުމުގެ ބައަކަށް ވާނެ އެވެ.