ރައީސް މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖްލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ގުޅުން ގޯސްވެ އެންމެ ފަހުން ޓޫރިޒަމް އިބްރާހިމް ފައިސަލް މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް މުއިއްޒު، މިނިސްޓަ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް، އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދުއާ ހަވާލުކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް މުއިއްޒުއާއި އަދުރޭ ދެމެދު ގުޅުން ގޯސްވުމުން ފައިސަލް ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ހުރިހާ ދަތުރުތައް ހުއްޓާލުމަށް ރައީސް އޮފީހުން މިދިޔަ ހަފުތާގައި އަންގާފައިވެ އެވެ.

ސަރުކާރު ހިންގާ ޕީއެންސީ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދި މުއިއްޒު އާއި އަދުރޭގެ ގުޅުން ހީނަރުވެފައިވާތާ ދުވަސްކޮޅެއްވަނީ ވެފަ އެވެ.

ދިވެހިރާއްޖޭގެ އަޑަށް ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ހީނަރުކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިހާރު ފެންނަ ބައެއް މަންޒަރުތަކުން އަބްދުއްރަހީމާއި ރައީސް މުއިއްޒާ ދެމެދު މާބޮޑު ގުޅުމެއް އޮތް ކަމަކަށް ނުބެލެވެ އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި ރައީސް އަބްދުﷲ ޔާމީނަށް ދޯކާދީފައިވާ އަބްދުއްރަހީމް މި ސަރުކާރުގެ ތެރެއިން ބާކީވެ މަޖްލިސް މެމްބަރުންނާ ވެސް ވަނީ ގުޅުން ކެނޑިފަ އެވެ.