މަޝްހޫރު މޮޑެލް ކައިލީ ޖެނާއާއި ހޮލީވުޑްގެ ޒުވާން ތަރި ޓިމޮތީ ޗަލަމެޓްގެ ލޯބީގެ ގުޅުމަކީ ހޮލީވުޑް ހަބަރުތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދާ ކަމެކެވެ.
އެންމެ ފަހުން އެ ގުޅުމާ ބެހޭގޮތުން ހަބަރުތަކުގައި ދެކެވިފައިވާ ވާހަކައަކީ އެ ގުޅުމުގައި ޓިމޮތީއަށް ހަރުކަށި ގަވާއިދުތަކެއް ކައިލީ ކަނޑައަޅާފައިވީ ކަމަށް ބުނާ ހަބަރެކެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޓިމޮތީ އޭނާގެ މަސައްކަތުގައި ދުރުގައި އުޅޭއިރު ގަޑިން ގަޑިއަށް ކައިލީއަށް ގުޅަން ވަނީ އަންގާފަ އެވެ. އެއާއެކު ތިމޮތީގެ ފޯނުގެ ލޮކޭޝަން ކައިލީއަށް ލިބޭ ގޮތް ވެސް ހަދާފައިވާ ކަމަށް ބުނެވެ އެވެ.
މިހުރިހާ ކަމެއް ކައިލީ ކުރަނީ ހޮލީވުޑްގައި މިހާރު އެންމެ މަޝްހޫރު އެއް ތަރި ކަމަށްވާ ޓިމޮތީ އޭނާއަށް ގެއްލިދާނެތީ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ކައިލީއާ ގާތް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި ޓިމޮތީގެ މަޝްހޫރުކަމާއެކު އޭނާގެ ފަހަތުން އެހެން އަންހެނުން އުޅޭނެކަން ކައިލީއަށް އެނގޭ ކަމަށާއި ޓިމޮތީ އަތުން ދޫވެދާނެތީ ކައިލީ ބިރުގަންނަ ކަމަށެވެ.
ކައިލީއާއި ޓިމޮތީގެ ގުޅުމުގެ އަޑު އެންމެ ފުރަތަމަ އަރަން ފެށީ 2023 ވަނަ އަހަރު އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އެމީހުން އެކުގައި އެކި ތަންތަނުން ފެނިފައިވެ އެވެ.