އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނީތީ ހިތުހުރިގޮތަކަށް އަމަލު ނުކުރުމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިލްތިމާސް ކުރައްވައިފި އެވެ.
މަލީހުގެ މައްސަލައެއް ބެލުމަށް ކަމަށް ބުނެ މާދަމާ 11:00 އަށް އިމްތިޔާޒު ކޮމިޓީއަށް ހާޒިރުވާން އެންގި އެންމަށް ޖަވާބު ދިނުމުގެ ގޮތުން މިއަދު މަޖިލީހަށް އޭނާ ފޮނުއްވި ސިޓީގައި ވަނީ ބާރު ލިބުމަށްފަހު ދެން އެންމެ ގާތީ ބާރުތައް އަތުން ބީވެގެންދާނެ ދުވަސް ކަމަށެވެ.
މަލީހު ވިދާޅުވީ އޭނާ މަޖިލީހަށް ހާޒިރުކުރަން އުޅެނީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށެވެ.
އެ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެމްބަރަކު ނުވަތަ އެ ނޫން ވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެ މަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓުދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާ މެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާ މެދު ދާއުވާއެއްކޮށް ހަދައިގެން ނުވާނެ ކަމަށެވެ.
އެފަދަ ޣައިރު ދުސްތޫރީ ކަމެއް ކުރިއަށްގެންދަން މަޖިލީހުން ނިންމި ނިންމުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް އޮތް ކޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަލީހު މަގާމުން ވަކިކުރުމުގެ ޖަލްސާ ބޭއްވި ދުވަހަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އާއި 29 ވަނަ މާއްދާ ބައްދަލުކުރި ކަޅު ދުވަހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. ސަބަބަކީ މަލީހު މަގާމުން ވަކިކުރީ ވީޓީވީގެ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމާ ދެކޮޅަށް ދެއްކެވި ވާހަކަތަކެއް އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ހަޖަމް ނުކުރެވިގެންކަމުގައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކައްޗަށް އެޅުނު އެ ބިންގާ މައްޗަށް އަނެއްކާވެސް އިތުރު މައްސަލައެއް ވައްދާ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ކުރިއަށް ގެންދަވަން ތިޔަ އުޅުއްވާ މައްސަލައިގެ ސަބަބުން މަނިކުފާނުގެ ޑިމޮކްރެޓިކް ކްރެޑެންޝަލްއާ މެދު ސުވާލު ކުރައްވާނެ ފަރާތައް ގިނަވާނެ ކަމާ މެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ،" މަލީހުގެ ސިޓީގައިވެ އެވެ.
މާދަމާ ބާއްވާ ކޮމިޓީ ބައްދަލުވުން ގާނޫނު އަސާސީއާ ޚިލާފުވިޔަސް، މަޖިލީހުގެ އެންގުމަށް އިހްތިރާމް ކުރުމުގެ ގޮތުން މާދަމާ އެ ބައްދަލުވުމަށް ހާޒިރުވާން އޭނާ ވަނީ ނިންމާފަ އެވެ.
އަނގަތެލިދާނެ ވާކަމެއްނެއް ރަނގަޅު ގޮތް ހޯދާ
މެޖޯރިޓީ ލިބިފަ އެއޮތީ އިމްތިހާނަކަށް ސުކުރު ވެރިވަނީތޯ އަނިޔާ ވެރިވަނީތޯ އިމްތިހާނަކައް ނަތީޖާއާ ކުރިމަތި ލާންޖެހޭނެ