އޭރު އަދި އުމުރުން މާ ގިނަ ދުވަހެއް ނުވެއެ އެވެ. އަލަށް މާލެ ދެވެން އުޅޭކަން އެނގުމުން ލިބުނީ އާދަޔާ ޚިލާފު އުފަލެކެވެ. 1980ގެ ކުރީކޮޅު ބޭބެ ޑޮކްޓަރަށް ދައްކަން މާލެ ދާން ބައްޕަ ނިންމީ އެވެ. އެ ދަތުރުގައި އަހަރެން ވެސް ގެންދާ ގޮތަށް ހަމަޖެއްސީ އެވެ.
ވެފައިހުރި އުފަލާ އެކު އެވާހަކަ ރައްޓެއްސަކާ ހިއްސާ ކޮށްލީމެވެ، އޭނާ ބުންޏެވެ. އަހަރެން ބުނެލާނީ މާލޭގެ މަގުތަކުގައި ހިނގަންވާނީ ފަޓުލޫނު ލައިގެންނެވެ. ހިތަށް އެރި އެވެ. މާލެއަކާ ފަޓުލޫނަކާ ކޮންކަމެއް ހެއްޔެވެ. އޭރު އަތުގައި ފަޓުލޫނާ އެއްވަރަކަށް ނޫން ނަމަވެސް މުންޑުވެސް ހުރެ އެވެ. އެ ވާހަކަ އަހަރެން އިތުރަށް ނުދައްކަމެވެ.
ފުވައްމުލަކުން މާލެ ދާން ތައްޔާރުވެ ގެންދަން ބޭނުންވާ އަންނައުނު ފޮށްޓަކަށް ލީމެވެ. އެ ފޮށްޓަކީ ބައްޕަ ކޮޅުނބުން ގެނެސްފައި ހުރި، ކުޑަ ދަގަނޑު ފޮށްޓެވެ. ގޯތި ތެރޭގައި ހުރި ގަހުން ބިން އަނބުތަކާ ގޭދޮރުމަތި ފޮރުވިފައި އޮންނަ ލުނބޯ ގަހުގެ ހުރިހާ ލުނބޮޔަކާ ދެތިން ގޯނި ކާއްޓާ، އަތް ގާޑިޔަލެއްގައި އޭރު ވަނީ ބޯޓަށް ފޮނުވައިފަ އެވެ. ބޯޓު ފުރަން އޮތީ ރޭގަނޑު ދިހައެއް ޖަހާ އިރު ކަމުގައިވިޔަސް ކަޅު ފޮއި މޫސުމަކަށް ވެފައި ނެރުގެ ރާޅުތަކާމެދު މާ ބޮޑު ޔަގީން ކަމެއް ނޯންނާނެތީ އިރު އޮއްސުމުގެ ކުރިން އެންމެން ބޯޓަށް އަރައި ނިންމާލި އެވެ.
ގަޑިން ދިހައެއް ޖެހުމާ އެކު ބޯޓުގެ އިންޖީނު ހިންގާލި އެވެ. ފަޅުވެރިންގެ ހޭލަމޭލަ ވުމުގެ ވަގުތުކޮޅަކަށް ފަހު މަޑު ދުވެލީގައި ބޯޓު އޭގެ މިސްރާބަށް ދުއްވައިލި އެވެ.
ބައެއް ރަށްރަށަށް ޖައްސައި އެރަށް ރަށުން މީހުނާ ސާމާނު ބޯޓަށް އަރުވައި ހުވަދޫކަނޑު ހުރަސްކޮށް ގޮސް، ހަތަރު އަތޮޅު މެދުތެރޭގައި ދުއްވުމަށްފަހު މާލެ ދެވުނީ ރަށުން ފުރިތާ ފަސްވަނައަށް ވީ ދުވަހު އެވެ.
މާލެ ފެބުމަށްފަހު ތިބެން ހަމަޖެހިފައި އޮތް ގެޔާ ދިމާޔަށް މިސްރާބު ޖަހައިފީމެވެ. މަގުތައް ރީއްޗެވެ. ކުނިކަހާ އޮމާން ކޮށްފަ އެވެ. ދެފަރާތުގައި ހުރީ ފާރު ރާނާފަ އެވެ. ފައިމަގުގައި ހިނގާ މީހުންނާ ދާދި އެއްވަރަކަށް ބައިސްކަލު ދުއްވާ މީހުންނާ ދިމާ ވެ އެވެ. ކާރެއް ފެންނަނީ ހާލަކުން ފަހަރަކު އެވެ. ތިބެން ހަމަ ޖެހިފައިވާ ގެއާ ހަމަވުމުން އެކުގައި ދިޔަ މީހުންގެ ފަހަތުން ގޭގެ ފުޅަފިން ވަދެއްޖައީމެވެ. ވަށާ ފާރު އުސްކޮށް ރާނާފައި ހުރި އެގޯތީގައި ވަރަށް ބޮޑު ހުސް ޖާގަ އޮތެވެ. އެގެއަކީ ސިފައިންގެ އޮފިސަރެއްގެ ގެއެކެވެ. މެދު ސައިޒުގެ ދެތިން ދިވެހި ރުއް އެކި ހިސާބުގައި ހެދިފައި ހުއްޓެވެ. އެ ރުއްތަކުގެ ހިޔަލުގައި ފަށްޖެހި އެނދުތަކެއް ހުއްޓެވެ. މުޅި ގޯތި ތެރޭގައި ހުރީ ރަށުގައި ގޮވާން ކުރާ ދަނޑުތަކުގައި ހުންނަ ކަހަލަ ކަޅު ފަހެވެ. މިހާރު ފަސްގަނޑު ޖަހާފައި ކައްޓަލަ އިންދިޔަސް ހެދޭނެއޭ ހިތަށްއެރި އެވެ.
ގެއަށް ވަން އިރު ފެނުނީ ހުސްކޮށް އޮތް ހޯލެކެވެ. ބޮޑު ދެއަށި ދެފަރާތުގައި ހުއްޓެވެ. އޭގެ އިތުރުން ފަށްޖެހި އެނދުގެ ދެތިން އެނދު ވެސް ހުއްޓެވެ.
އަހަންނަށް ނިދަން ޖެހުނީ އެއިގެ ތެރެއިން އެއް އަށީގަ އެވެ. އިތުރު ތިން ފިރިހެނުންނާ އެކު ހަތަރުވަނަ މީހެއްގެ ގޮތުގަ އެވެ. އެއްވެސް ނިވަލެއް ނެތި ދިމާޔަށް ހުރި އަށްޓެއްގައި ނިދަން ވުމުން، އަމިއްލަ އެނދުގައި ހުންނަ ފުށްކަފައިގެ ބިޔަ ބާލީސްތަކާ ވަށައިގެން ދަމާފައި ހުންނަ ވަށް މަދިރިގޭގެ މަތިން އެވަގުތު ހަނދާންވި އެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނުކޮޅު ހޭދަވީ ހޮސްޕިޓަލުގަ އެވެ. ހަވީރު އޮތީ މާލެ ބަލާލަން ދިއުމެވެ. ގޭގައި އުޅޭ ރައްޓެހިންނާ ތިމާގެ ބައެއް މީހުންނާ ބައްޕައާއެކު ބޭރަށް ދާން ތައްޔާރުވެގެން ރީތިކޮށް ފުނާއަޅައިގެން އަހަރެން ނިކުތީމެވެ. އެވަގުތު އެތަނުން ތިމާގެ މީހަކު ކުޑަކޮށް ބަލައިލައިފަ ބުންޏެވެ. މުންޑެއް އަނދެގެން ހެއްޔެވެ. އޭނާގެ އެ ޖުމްލައިން ރަށުގެ ރަހުމަތްތެރިޔާގެ ބަސްކޮޅު ހަނދާން އާވެގެން ދިޔައެވެ. ހަގީގަތުގައި މުންޑު އަންނަން ޖެހުނީ ފަޓުލޫނު ފަށް ޖަހާފައި ހުރީމާ އިސްތިރި ނުކޮށް ލާން ހިތް ހަމަ ނުޖެހިގެންނެވެ. އެއިރު އަދި އިސްތިރި ކުރެވޭނެ އަލިމަގެއް ފެނިފައި ވެސް ނުވާތީ އެވެ.
އިތުރު ވާހަކައެއް ދެނެއް ނުދެއްކެ އެވެ. އެންމެން މިސްރާބު ޖެހީ މާލޭގެ ބާޒާރު މައްޗާ ދިމާލަށެވެ. ބާޒާރުމަތީގެ އެންމެ ހަލަބޮލި ހިސާބުން ބިޔަ ބޮޑު މީހަކު އައިސް އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފައިފި އެވެ. އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަހަންނާ އެކު ދިޔަ އެންމެނަށް ހުއްޓުން އަރައިފި އެވެ. ކައިރީގަ ތިބި މީހުންގެ މޫނަށް ނަޒަރު ހިންގާފައި އޭނާ ބުންޏެވެ. މި ކުއްޖާ މީހަކު ނަގައިފި ހެއްޔެވެ. އޭނާގެ މި ކުއްލި ހަރަކާތާ އާދަޔާ ޚިލާފު ސުވާލުން ބައްޕަޔާ ދެންތިބި މީހުންގެ ބަސް ހުއްޓުނު ކަހަލަ އެވެ. ހިމޭން ކަމުގެ ސުކޫތަކަށް ފަހު އެ މީހާ އެ ސުވާލު ދެވަނަ ފަހަރަށް ތަކުރާރު ކުރި އެވެ. އެއާއެކު އަހަރެންގެ އަތަށް އިތުރަށް ބާރު ކޮށްލާފައި ބުންޏެވެ. "މިކުއްޖާ ގެންދާނީ އަހަރެން". އެހިސާބުން އަހަރެންގެ ގާތުގައި ގެއިން ނިކުތުމުގެ ކުރިން މުންޑުގެ ވާހަކަޔަށް އިޝާރާތް ކުރި މީހާ ކުޑަކޮށް ލަދުން ހުރެފައި މިއީ އެކަހަލަ ކުއްޖެއް ނޫނޭ ބުނެފި އެވެ. އެ ހިސާބުން އޭނާ އަހަރެންގެ އަތުން ދޫކޮށްލައިފައި "އެހެންދޯ" އޭ ކިޔައިފައި ހިނގައްޖެ އެވެ.
ހޮސްޕިޓަލާއި ބާޒާރު ކުރުމުގައި ދުވަސްކޮޅެއް ހޭދަވުމަށްފަހު އެނބުރި ރަށަށް ދިޔަ އިރު އިރު މާލެއިން ރަށަށް ގެންދަން އަހަރެން ބޭނުންވީ އެންމެ ދޭއްޗެވެ. އެއީ ހީރަސް ދައްޗަކާ ކޮޅުދާލި ކަރުދާހެވެ. ކޮޅުދާލި ހޯދީ ނޮވެލްޓީ އިންނެވެ.
ރަށަށް އައީ އުފަލުންނެވެ. މާލެއިން ގެނައި ކޮޅުދާލި ކަރުދާހުން ބައެއް ރައްޓެހިންނަށް ދިނީމެވެ. ބާކީ ބައިން ކުދި ނޯޓުފޮތް ހަދައިގެން ބޭނުން ކުރީ އެވެ. މާލޭގެ ހަނދާނެއްގެ ގޮތުގައި ހިތުގައި ބިންވަޅު ނެގިފައި އޮތީ މުންޑުއަނދެގެން މާލޭގެ މަގުމަތީގައި ހިނގައިގެން ނުވާނެކަމެވެ.