އެމްޑީޕީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ މުދަލާއި ފައިސާގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، ދައުވާ ކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލަށް ލަފާދިނުމުގައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމައިދިނުމަށް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ރައީސް ސޯލިހު ހިމެނިވަޑައިގަންނަވާ ގޮތަށް ތިން ބޭފުޅެއްގެ މައްޗަށް ޖިނާއީ ތަހުގީގެއްކޮށް, ދައުވާކުރަން ފާސްކޮށްފައިވެ އެވެ.

މިދިޔަ ސަރުކާރުން އެކި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގައި ވަނީ ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ ތަފްސީލާ ގުޅުންހުރި މަސައްކަތްތައް ކޮށްފަ އެވެ. އެގޮތުން އެ ކޮމިޓީގައި މިއަދު ނިންމީ ރައީސް ސޯލިހާއި، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީއަށް ހުށަހެޅުމަށެވެ.

އެ ހުށަހެޅުން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުމަށް ތާއިދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު ޝަރީފެވެ. އެ ހުށަހެޅުން ފާސްކުރީ ހަ މެންބަރުންގެ ވޯޓާއެކު އެވެ.

ބަދަލު ދިނުމުގެ އެއްބަސްވުންތަކާ ގުޅޭގޮތުން ކޮމިޓީން ވަނީ 2019 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ވެފައިވާ އެއްބަސްވުންތަކަކީ ބާތިލު އެއްބަސްވުންތަކެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި ބަދަލުގެ ގޮތުގައި ދީފައިވާ ތަކެތި އަނބުރާ ދައުލަތަށް ނެގުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް އެންގުމަށް ވެސް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވެ އެވެ.