ނިކޮޓިން ނެތްކަމަށް ބުނާ ވޭޕްގައި ހުންނަ ތަފާތު ވަހާއި ރަހައިން އަރާ ދުން، އޭގެ އެންމެ ޕަފެއް ދަމާލިއަސް ލޭނާރުތަކުގައި ހުންނަ އޮކްސިޖަން ދަށްވާ ކަމަށް އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ އެތެރެ ހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން "ދަފަރާ" ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޑރ. މުހައްމަދު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުގެ ނަމުގައި ވޭޕް ބޭނުންކުރަން ފެށުމުން އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި ނިކޮޓިން ނެތްކަމަށް ބުނާ ވޭޕްގައި ހުންނަ ތަފާތު ވަހާއި ރަހައިން އަރާ ދުން، އޭގެ އެންމެ ޕަޕެއް ދަމާލިއަސް ލޭނާރުތަކުގައި ހުންނަ އޮކްސިޖަން ދަށްވާ ކަމަށެވެ.

އެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޑރ. މުޙައްމަދު ވިދާޅުވީ ވަރަށް ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ގެއްލުންކުޑަ ވޭޕްގެ ބާވަތްތައް ހުރެ އެވެ. އެހެން ނަމަވެސް އެއީ މުޅިން ކުށްހީއެއް ކަމަށާއި އަދި ވޭޕް ބުއިން ހުއްޓާލި ކަމަށް ބުނާ ގިނަ މީހުން މިހާރު ގަދައަށް ދުފާކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ރަނގަޅުކަމެއް ނޫން ކަމަށް އެ ޑޮކްޓަރު ވިދާޅުވި އެވެ.

"ވަރަށް ގިނަ ޕޭޝަންޓުން ބުނާގޮތުގައި ގެއްލުން ކުޑަ ވޭޕްގެ ބާވަތްތައް ވެސް ހުރޭ. ނަމަވެސް އެއީ މުޅިން ގޯސް ވާހަކައެއް. ސިއްހަތަށް ފައިދާހުރި ގެއްލުމެއް ނުލިބޭ އެއްވެސް ވޭޕްގެ ބާވަތެއް ނުހުންނާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. މުހައްމަދު ވިދާޅުވީ ނިކޮޓިން ނެތް ކަމަށް ބުނެ، ވޭޕް ބޭނުންކުރާ މީޙުންނަށް އެނގެންޖެހޭ ހަގީގަތަކީ، ނިކޮޓިން ނެތް ކަމަށް ބުނެ ދަމާ ވޭޕް ވެސް އެއީ ވަރަށް ގެއްލުން ހުރި އެއްޗެއް ކަމަށެވެ. އަދި ނިކޮޓިން ނެތްކަމަށް އިސްތިހާރު ކުރިއަސް އޭގެ ސަބަބުން ނޭވާ ހޮޅީގެ ވައި ދައުރުވާ ފަށަލައަށް ގެއްލުން ލިބޭ ކަމަށާއި މިދިޔަ މަހު ސިއްހީ މާހިރުން ހަދާފައިވާ ދިރާސާއަކުން ވެސް އެކަން ވަރަށް ރަނގަޅަށް ސާފުވާކަމަށް އޭނާ ވިދާޅުވި އެވެ.

"ނިކޮޓިން ނެތްކަމަށް ބުނެ، ވޭޕް ބޭނުންކުރާ މީޙުންނަށް އެނގެންޖެހޭ ހަގީގަތެއް އެބައޮތް. އެއީ ނިކޮޓިން ނެތްކަމަށް ބުނެ، ދަމާ ވޭޕް ވެސް އެއީ ވަރަށް ގެއްލުން ހުރި އެއްޗެއްކަން. ނިކޮޓިން ނެތްކަމަށް އިސްތިހާރު ކުރިއަސް އޭގެ ސަބަބުން ނޭވާ ހޮޅީގެ ވައި ދައުރުވާ ފަށަލައަށް ގެއްލުން ލިބޭ،" ޑރ. މުހައްމަދު ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަކީ އަމިއްލަ ނަފުސަށް ދޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި އަދި އެއީ އެހެން މީހުންނަށް ވެސް އެކަމުގެ ސަބަބުން ގެއްލުންވާ އަދި އެހެން މީހުންނަށް ވެސް ދެވޭ އަނިޔާއެއް ކަމަށް ޑޮކްޓަރު ވިދަޅުވި އެވެ.