ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކަށް އެކި ވިޔަފާރިތަކުން ދައްކަން ޖެހި ނުދައްކާ ހުރި 1.4 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދުނީ 226 މިލިއަން ރުފިޔާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ ކުންފުންޏާ ހަވާލުވިއިރު ދޫކޮށްފައިވާ ބިންތަކަށް އެކި ވިޔަފާރިތަކުން ނުދައްކާ 1.4 ބިލިއަން ރުފިޔާ އޮތް ކަމަށެވެ.
އޭނާ ވިދާޅުވީ ކުންފުންޏާއި ހަވާލުވިއިރު، މިފަދަ ގިނަ މައްސަލަތަކެއް ހުރުމުން އެ މައްސަލަތައް ބެލުމަށް ޚާއްސަ ރިކަވަރީ ކޮމިޓީއެއް އެކުލަވާލި ކަމަށާއި އެގޮތުން އެ ކޮމިޓީން ކުރި މަސައްކަތުން މިހާތަަނަށް ނުލިބި ހުރި ފައިސާއިން 226 މިލިއަން ރުފިޔާ ރިކަވާކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ ކުންފުންޏާ ހަވާލުވެ، މަސައްކަތް ފަށައިގަތް އިރުގަ ގާތްގަނޑަކަށް 1.4 ބިލިއަން ނުލިބި އޮތްއިރު މިއަދު ކޮމިޓީގެ މަސައްކަތުން 226 މިލިއަން އަޅުގަނޑުމެން ރިކަވާކޮށްފިން،" ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފައިސާ ނުދައްކާ ހުރި ވިޔަފާރިތަކަށް ނުވަތަ މީހުންނަށް "ޑިމާންޑް ލެޓާ" އެއް ފޮނުވަމުންދާ ކަމަށާއި އަދި އެ ނޯޓިސްއަށް އިޖާބަ ނުދޭ ވިޔަފާރިތަކުގެ މައްސަލަ ކޯޓު މަރުހަލާއަށް ގެންދާ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް ވެސް އެއްބަސްވެވޭ މުއްދަތެއްގަ އަދި އެ ފަރާތަކަށް ވެސް އުނދަގޫ ނުވާނެހެން ފަސޭހެވާނެ ގޮތަކަށް އެކި މަރުހަލާއަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު އެބައޮތް ކަމަށާއި މި ފުރުސަތު ދެނީ ކޯޓު މަރުހަލާ އެއްކައިރި ކުރުމަށްޓަކައި ކަމަށް ފަޒުލް ވިދާޅުވި އެވެ.
އެޗްޑީސީއަށް ނުލިބި ހުރި ފައިސާގެ ތަފުސީލުތައް ހިމެނޭގޮތަށް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ލިސްޓާ ގުޅޭގޮތުން މެންބަރުން ވަނީ މިދިޔަ ހަފުތާގައި ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ.
އެގޮތުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި އެ ކޮމިޓީގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އެޗްޑީސީއަށް ނުލިބި އޮތް 1.2 ބިލިއަން ރުފިޔާގެ އިތުރަށް، ބާތިލުކޮށްފައިވާ ކޮންޓްރެކްޓްތަކުން އެޗްޑީސީއަށް ލިބެން ޖެހޭ 195 މިލިއަން ރުފިޔާ އޮތް ކަމަށެވެ. އެއާއެކު އެޗްޑީސީއަށް ނުލިބޭ ފައިސާގެ ޖުމްލަ އަދަދު 2.2 ބިލިއަން ރުފިޔާއާ ހަމައަށް އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.