މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ނ. ހޮޅުދޫ ގެއެއްގެ ތެރެއިން ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑުން އިތުރު މީހެއްގެ ފުށުން ލިބޭ ޒާތުގެ އަނިޔާއެއްގެ ނިޝާނެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޒަކިއްޔާގެ މަރާއި ގުޅިގެން މައުލޫމާތު ހިއްސާކުރުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ކުރިންވެސް މައުލޫމާތު ހާމަކޮށްފައިވާގޮތަށް ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އެ ގެއަށް ކުނި ބަލާ ދިޔަ ފަރާތަށް ކަމަށާއި މަރުވެފައި އޮތީ ގޭގެ ގުދަނެއްގައި ކަމަށެވެ.
ޒަކިއްޔާ މަރުވެފައި އޮތް އިރު ކައިރީގައި ވަޅިއަކާއި ގައިގައި ލޭ ހުރިކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެގޮތުން ޒަކިއްޔާ މަރުވެފައި އޮތް އިރު، ކަރުގެ ވާތް ފަރާތުން ފުން ދެ ޒަޚަމް އަދި މެދުން އެހާ ފުން ނޫން ޒަޚަމެއް ހުރިކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން ގިނަ ކަންތައްތަކެއް ކަށަވަރު ކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.
ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް ސީޓީ ސްކޭނެއް ހަދައި އަދި ޕެތަލޮޖިސްޓެއްގެ ރައުޔު ހޯދާފައިވާއިރު ގަދަކަމުން އަނިޔާއެއް ދީފައިވާފަދަ އެއްވެސް ކަމެއް ފާހަގަވެފައި ނުވާކަމަށްވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން ހަށިގަނޑުން ހެސިޓޭޝަން މާކްސް ނުވަތަ އަޅަން ނުކެރިގެން ވަޅި އަޅާފައި ހުންނަ ޒާތުގެ ނިޝާންތަކެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
އެހެންކަމުން ޒަކިއްޔާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުމެއް ފާހަގަވާ އެއްވެސް ކަމެއް ނެތްކަމަށް ފުލުހުން ބުނެ އެވެ.
"ޒަކިއްޔާ މަރުވީ އަމިއްލައަށްކަން ނުވަތަ ނޫންކަން ތަހުގީގުން އަދި ނުނިންމާ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެހެން މީހެއްގެ ބައިވެރިވުން ފާހަގަ ނުކުރެވޭ" ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.
ޒަކިއްޔާގެ މަރާއި ގުޅިގެން އާއިލާއާއި ހޮޅުދޫގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާއިލާއިން ބުނަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ގަބޫލު ނުކުރެވޭކަމަށެވެ.