މި ސަރުކާރު ޖަވާބުދާރީ ކުރުވޭނެ އެއްވެސްގޮތެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާރު މި ސަރުކާރުން ކަނޑުވާލާފައިވާ ކަމަށެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ޕީއެންސީގެ ސުލޫކީ ކޮމިޓީން ބޭނުންވީމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލެވޭގޮތަށް ގާނޫނުއަސާސީއަށް ދާދިފަހުން ގެނައި އިސްލާހަށެވެ.

ޔާމީން ވިދާޅުވީ މިހާރު މި ސަރުކާރު ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި ޖަވާބުދާރީ ކުރުވަން ހުރި ހުރިހާ މަގެއް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ބަންދުކުރަމުން ގެންދާ ކަަމަށެވެ.

"މި ސަރުކާރަކީ ގާނޫނު ދަމަހައްޓަން މަސައްކަތްކުރާ ސަރުކާރެއްތޯ، މި ގައުމުގައި މިހާރު ރުލް އޮފް ލޯ ނޫނީ ގާނޫނުގެ ވެރިކަން މި ގައުމުގައި ހިނގާތޯ؟ އެމްޑީއިން ގެންދަނީ އާމްދަނީއާ ނުބައްދަލު މުއްސަދިކަން ހޯދަމުން. އެހެންވީމަ އަޅުގަޑު ގަބޫލުކުރަނީ މިއީ މިހާރު ލޯ ލެސް ސޮސައިޓިއެއް ކަމަށް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ގާނޫނުގެ ވެރިކަން ރާއްޖޭގައި ހިނގާ މަންޒަރު މިއަދު ފެންނަމުން ނުދާ ކަމަށެވެ. އަދި އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރިއިރު، މި ސަރުކާރުން އެންމެ ބޮޑަށް ވަކާލާތު ކުރި ވާނުވާ ބަންދަށް ހައްލު ގެންނާނެ އިސްލާހެއް ނުގެނެވުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީހުން ވާނުވާގައި އާއިލާއަށް ފޮރުވައިގެން ނުބޭތިއްބޭ ސަބަބަކީ ވާނުވާ ބަންދުން މީހާ ވީއްލޭއިރު އެމީހާއަށް ކުށްސާބިތުނުވާ ހާލުގައި ގާނުނޫނުގެ ތެރެއިން ބަދަލު ހޯދޭނެ ގޮތެއް ނެތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.