ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓްގެ ސައްހަކަން ކަށަވަރުކުރުމަށް އިތުރު މުއްދަތު ބޭނުންވާ ކަމަށް ބުނެ އަނެއްކާ ވެސް ފްލެޓް ލިސްޓް އާއްމުކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް މިއަދު އާންމުކޮށް ޝަކުވާއަށް ހުޅުވާލާނެ ކަމަށް ކުރިން ބުނެފަ އެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމްތައް މުރާޖާކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަކަންކަން ހުރުމާ ގުޅިގެން އެ މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާތީ، އެ ސްކީމުގެ ވަގުތީ ލިސްޓާއި ރީ-އިވެލުއޭޝަނާ ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް މަސައްކަތް ނިމުނުހާ އަވަހަކަށް އާންމު ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ހައުސިން މިނިސްޓްރީން 2022 ވަނަ އަހަރު މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށް އިއުލާނުކުރި "ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައަޅާ އެކަމުގެ ލިސްޓް އާއްމުކުރީ މިދިޔަ ސަރުކާރުގެ ދައުރު ނިމެނިކޮށެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20،607 މީހުން ފޯމު ހުށައެޅި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވެ 13،000 މީހުންނަށް ފްލެޓް ދިނުމަށް، މިދިޔަ ސަރުކާރުގައި ނިންމި އެވެ. ނަމަވެސް ދައުރު ނިމުނުއިރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ދިޔައީ 4000 ފްލެޓްގެ އެވެ. އެހެން ކަމުން ފުރަތަމަ އެކުލަވާލާ އިޢުލާންކުރީ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓެވެ.

މި ނިންމުމާ ގުޅިގެން ޝަކުވާއަށް ހުށައެޅުމަށް ހުޅުވާލުމުން 7،500 އަށް ވުރެ ގިނަ މީހުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ހުށައެޅި އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް 300އަށް ވުރެ ގިނަ މައްސަލަ ހުށައެޅި އެވެ.

އާއްމުންގެ ޝަކުވާތައް ބޮޑުވެ ފްލެޓް ލިސްޓުގެ މައްސަލައިގެ ތެރެއަށް އޭސީސީން ވަދެ އެ މަސައްކަތް މެދުކަނޑާލަން އެންގީ ނިމުނު ސަރުކާރު ނިމެން އެންމެ ދުވަހަކަށް ވެފައިވަނިކޮށެވެ. އޭސީސީން މިގޮތަށް އެންގީ ތަކުރާރުކޮށް އެންގުމުން ވެސް މައްސަލަތައް ބެލުމަށް އޭރުގެ ހައުސިން މިނިސްޓްރީން އެކަށީގެން ފިޔަވަޅު އަޅާފައި ނުވާތީ ކަމަށް ބުނެ އެވެ.

އޭގެ އިތުރުން އޭސީސީން މި ލިސްޓާ ގުޅޭ ތަހުގީގެއް ހިންގައި 4000 ފްލެޓްގެ ލިސްޓަށް ހޮވި 59.6 ޕަސެންޓް މީހުންގެ ޝަރުތު ހަމަނުވާ ކަމަށް ނިންމި އެވެ. އަދި އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމީ 20.7 ޕަސެންޓް ފޯމުގަ އެވެ.

ފްލެޓް ލިސްޓްގެ މައްސަލަ ޙައްލުކޮށް އަލުން ނެރުމަށް އޭސީސީން ހައުސިން މިނިސްޓްރީއަށް އެންގީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.

ފްލެޓް ލިސްޓް އާންމު ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ މިފްލެޓްތަކުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ނިންމާފަ އެވެ. މި 4000 ފްލެޓްގެ މަސައްކަތްތައް އެއްކޮށް ނިމޭނެ ކަމަށް އެފްޑީސީން ލަފާކުރަނީ 2025 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރުގަ އެވެ.