މިނިވަން މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީން ވެސް އިސްލާހުކުރުމުގެ ބާރު ރައީސްއަށް ދޭން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ގޮވާލައްވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސުންނާއި ނައިބުން އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، މިކަންކަން އޮންނަން ޖެހޭނީ ސީދާ ރައީސްގެ އަތްޕުޅުގައި ކަމަށެވެ.
އޭނާ ވިދާޅުވީ މުޅި ގައުމު އިސްލާހު ކުރުމުގަ ބޮޑު ބާރު އޮންނާނީ ރައީސްގެ އަތްޕުޅުގައި ކަމަށާއި އެހެންކަމުން ޖުޑީޝަރީން ކަމެއް ގޯސްކޮށް ހިނގާނަމަ އެކަންކަން އިސްލާހުކުރުމުގެ ބާރުވެސް އޮންނަންވާނީ ރައީސުލްޖުމްހުރިއްޔާގެ އަތްޕުޅުގައި ކަމަށެވެ. އަދި މަޖިލީހުން ކަމެއް ގޯސްކޮށް ހިނގިޔަސް އެކަން އިސްލާހުކުރުމުގެ ބާރުވެސް އޮންނަން ޖެހޭނީ ރައީސްގެ އަތްޕުޅުގައި ކަމަށް ސަލީމް ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ވިޔަސް ރައީސްއަށް ގިނަ ބާރުތަކެއް ދޭންޖެހޭ ކަމަށެވެ.
"މިހާރު ގާނޫނު އަސާސީއަށް ވެސް ހުރީ ބަދަލު ގެންނަން ޖެހިފަ. ގާނޫނު އަސާސީން ބަދަލުތައް ގެނެސްގެން ރައީސުލްޖުމްހުރިއްޔާއަށް އިތުރު ބާރުތައް އަޅުގަނޑުމެން ދޭން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ޑިމޮކްރަސީ އައިފަހުން މިވީ އަހަރުތަކުގެ ތެރޭގައި ފަނަރަ ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާ ކަމަށާއި އެކަމާ ގުޅިގެން އިދާރާތަކުންނާއި މުއައްސަސާތަކުން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އެކަން އެހެން ވަނީ ރައީސްގެ އަތުގައި ބާރުތައް ނެތީމަ ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ތިން ބާރު ވަކިވެފައި އޮންނަން ޖެހޭނެކަމަށް ރާއްޖޭގެ ގާނޫނު އަސާސީގައި އޮންނައިރު، ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި ލީޑަޝިޕުން ދަނީ ބާރުތައް ޖަމާކުރުމަށް ބާރުއަޅަމުންނެވެ. ސަރުކާރުން ވަނީ ގާނޫނު އަސާސީއަށް ގިނަ އިސްލާހުތަކެއް ގެންނާނެ ކަމަށް މީގެކުރިން ވަނީ ބުނެފަ އެވެ.