ނީލަމް ކޮތާރީ ސޯނީއަކީ 80ގެ އަހަރުތަކުގައި ބޮލީވުޑްގެ އެންމެ ކުރީ ސަފުގައި ގުނާލެވުނު އެކްޓަރެކެވެ. އެހެން ނަމަވެސް ކުއްލި ގޮތަކަށް އޭނާ ބޮލީވުޑް ދޫކޮށްލުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ނީލަމް ވަނީ ލިބެމުން ދިޔަ ކާމިޔާބީއާއެކު ވެސް ބޮލީވުޑް ދޫކޮށްލަން ނިންމި ސަބަބު ބުނެދީފަ އެވެ.
ނީލަމް ބުނީ ވަކި ހިސާބަކުން އޭނާއަށް ރަނގަޅު ފުރުސަތުތައް ލިބުން މަދުވި ކަމަށާއި އެހެން ކަމުން ބޮލީވުޑްގައި އޭނާގެ އަގު ނުވެއްޓެނީސް ހުރި ހިސާބުގައި ހުރެގެން ބޮލީވުޑް ދޫކޮށްލަން ނިންމީ ކަމަށެވެ.
"އަހަންނަށް އިހުސާސްވީ ބޮލީވުޑްގައި އަހަރެންގެ ކެރިއަރު މިހާ ހިސާބުން މި ނިމުނީއޭ" ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެދީފައިވާ ނީލަމް ބުންޏެވެ.
އެހެން ނަމަވެސް އެ ނިންމުމުގެ ފަހަތުގައި އެހެން ސަބަބެއް އޮތް ކަމަށްވެސް މީޑިއާތަކުން ބުނެ އެވެ. އެއީ ނީލަމްގެ ފުރަތަމަ ކައިވެންޏެވެ.
ބުނެވޭ ގޮތުގައި 90ގެ އަހަރުތަކުގައި ރިޝީ ސެތިއާއާއެކު ކުރެވުނު ކައިވެންޏަށްފަހު ހަޔާތަށް ގެންނަން ޖެހުނު ބޮޑު ބަދަލުތަކުގެ ތެރެއިން ބަދަލެއްގެ ގޮތުގައި ނީލަމް ބޮލީވުޑް ދޫކޮށްލީ އެވެ.
ކެމެރާ ކުރިމަތިން ގެއްލުމުގެ ކުރިން ނީލަމް ފެނިގެންދިޔަ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "އިލްޒާމް"، "ސިންދޫރު" އަދި "ހުދްގަރްޒް" ފަދަ ފިލްމުތައް ހިމެނެ އެވެ.
ގާތްގަނޑަކަށް 30 އަހަރުގެ މެދުކެނޑުމަކަށްފަހު ނީލަމް ވަނީ 2022 ވަނަ އަހަރު ނުކުތް "ބޮލީވުޑް ވައިފްސް"ގެ ތިން ސީޒަންއަކުން ފެނިގެން ގޮސްފަ އެވެ.