ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ އެވެ.

މަލީހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ތެރޭގައި ޖޭޕީގެ އަޑު އެންމެ އިޚްލާސްތެރިކަމާއެކު އުފުލި މީހާއާ ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީން ކަންކުރަމުން ދިޔައިރު، އެ ޕާޓީ އޮތީ ހަނު ކަމަށެވެ. އަދި ބޮޑެތި ތުހުމަތުތަކާއި އެކު ސިޔާސީ މަގާމްތަކުން ވަކިކުރި ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަލީހު މަގާމުން ވަކިކޮށްފަ އެވެ. މި މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ 14 މެމްބަރުންގެ ސޮއާއެކުގައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުނު މިމައްސަލައަކީ މިނިސްޓަރަށް މަގާމުގެ ޒިންމާ ބަރާބަރަށް އަދާނުކުރެވޭ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅުނު މައްސަލައެކެވެ. މިސަރުކާރަށް ދެ އަހަރު ވީއިރު ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ގާނޫނުގެ ދަށުން ހަދަންޖެހޭ އެއްވެސް ގަވާއިދެއް ހެދިފައިނުވާތީ، އަދި ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތައް މިހާތަނަށް އައި އިރުވެސް ހެދިފައި ނުވާތީ މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ މެމެބަރުން މަޖިލީހަށް ހުށަހެޅީކަމަށް ބުނެފައިވެއެވެ.

މަޖިލީހުގެ ޖަލްސާގައި މަލީހްގެ އިތުބާރު ނެތް މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ އޭނާ ވާހަކަ ދައްކަވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ކަމަށް ވިދާޅުވެ، މި މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ސްޓޭންޑް ހާމަ ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެ މަލީހު ދިފާއު ކުރައްވާފަ އެވެ.

"މަލީހް ވަކި ކުރުމަށް މަޖިލީހުން ކުރާ މަސައްކަތަކީ އަޅުގަނޑު ގަބޫލު ކުރާނެ ކަމެއް ނޫން، އިތުބާރު ނެތް ކަމަށް ސަރުކާރުން މިހާތަނަށް ވެސް ވިދާޅުނުވާ ކަމެއް، މަޖިލީހުގައި ކުރާނީ ސިޔާސީ މަސައްކަތެއް، ސިޔާސީ ގޮތުން މަލީހާ ދޭތެރޭ ކަންކަން ކުރަނީ، މަލީހް މަސައްކަތެއް ނުކޮށްގެން ނޫން ވަކިކުރަން މި އުޅެނީ،" ރިޔާޒު ވިދާޅުވި އެވެ

ޖަވާބުދާރީވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މަލީޙް ވިދާޅުވީ މަޖިލީހަށް ހުށައަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލައަކީ ދޮގާ މަކަރު އެކުލެވޭ ޒާތީ މައްސަލައެއް ކަމަށެވެ. އޭނާއަށް އަދަބު ދެއްވަނީ "މާއްދާ 27" ގެ ބޭނުން ހިއްޕަވާތީ ކަމަށްވެސް މަލީހު ތުހުމަތި ކުރެއްވި އެވެ. އެގޮތުން އޭނާގެ މައްޗަށް ކުރާ ތުހުމަތުކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި އަދި އެ ތުހުމަތުތައް ކުރަން ފަށާފައި ވަނީ ވީޓީވީގެ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމާ ދެކޮޅަށް ދެއްކެވި ވާހަކަތަކާ ގުޅިގެން ޒާތީ ވެގެން ކަމަށް މަލީހު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުން ނަގައިގެން އުޅޭ މައްސަލައަކީ ވެސް އެއީ ކަމަށްވެސް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ކޭމްގެ ގާނޫނާއި ޓެލެކޮމިޔުނިކޭޝަންގެ ގާނޫނު އިސްލާހު ނުކުރާހާ ހިނދަކު ކިތަންމެ ގިނަ މެމްބަރުންނެއް އެދުނު ކަމުގައިވީ ނަމަވެސް އެތަނުގެ އިދާރީ ހިންގުމާއި ނުބެހޭނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްފިނަމަ އެ ކުރެވެނީ ގާނޫނާއި ގަވާއިދާއި ޚިލާފް އަމަލެއް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

މަލީހަށް ލިބިވަޑައިގެންނެވި ތިންވަނަ ފުރުސަތުގައި އޭނާ ވަނީ ރައީސް ނަޝީދަށްވެސް ބަހުގެ ހަމަލާތައް ރައްދު ކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވަނީ ވަރަށް "ޚުދުމުޚުތާރު" ކޮށް ކަމަށް ވިދާޅުވި އެވެ.

މަލީހް ޖޭޕީން ވަކިވެޑައިގެންނެވިއިރު، ޖިންސީ ފުރައްސާކުރުމުގެ ތުހުމަތުގައި އެ ޕާޓީގެ ރައީސް އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރެއްވިއިރު އެ ޕާޓީން އެއްވެސް ފިޔަވަޅެއް މިހާތަނަށް އެޅި ކަމެއް އެނގިފައެއް ނުވެ އެވެ. އަދި ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރިކަމުގެ ތުހުމަތުގައި ހެލްތު މިނިސްޓަރު މިނިސްޓަރަކަށް ހުންނެވި އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ އަމީން މަގާމުން އިސްތިއުފާދެއްވިއިރު ވެސް އެއްވެސް ޕާޓީން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އަދި ސަރުކާރުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ދިފާއުގައި ވަކާލާތުކުރިއިރު ޕާޓީން އޭނާގެ ދިފާއުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަގާމުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރިއިރު އެމްއެމްއާރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޒަހާގެ ދިފާއުގައި ވަކާލުކުރެއްވި އެވެ. މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ވަކިކުރަން އެމްޑީޕީން މަސައްކަތްކުރުމުން ފައްޔާޒު ދިފާއުކުރެއްވުމަށް ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކުންނެވި އެވެ.