އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ކާޑިބީ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އޭނާ ދެކޮޅު ހަދައިފި އެވެ.
ކުރީގެ ފިރިމީހާ އޮފްސެޓްއާއެކު އޭނާގެ ތިންވަނަ ދަރިފުޅަށް މަރުހަބާ ކީތާ އެއް މަސްފަހުން ސޯޝަލް މީޑިއާގައި ކާޑިބީ އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ މޫނު ފިިޔަވައި އޭނާގެ ހަށިގަނޑުގެ އެހެން ހުރިހާ ތަނެއް ކުޑަވަމުން އަންނަ ކަމަށެވެ.
މިފަހުން ބޭއްވި ޕެރިސް ފެޝަން ވީކްގައި ކާޑިބީގެ ފެނިލުމަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބުނެވެ. އެގޮތުން ދަރިއަކު ލިބުމަށްފަހު މަހެއް ނުވަނީސް ހަށިގަނޑު އެހާ ރީތިކޮށް ހުރީ ޕްލާސްޓިކް ސާޖަރީ ހެދުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުނަމުން އައެވެ.
މި ވާހަކަތަކަށް ރައްދު ދެމުން ކާޑިބީ ބުނެފައިވަނީ ފަތުރަމުން އަންނަ ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށާއި އެއީ އޭނާގެ ހަށިގަނޑު އަބަދުވެސް ހުންނަ ގޮތް ކަމަށެވެ.
އެއާއެކު އެ ވީޑިއޯގައި އޭނާގެ އުނަގަނޑު އެހާ ކުޑަކޮށް ފެންނަނީ ހިކެން ބޭނުންކުރާ ކަހަލަ ޓައިޓެއް ލައގެން ހުރުމުން ކަަމަށް ވެސް ކާޑިބީ ބުނެފައިވެ އެވެ.
އުމުރުން 31 އަހަރުގެ ކާޑިބީ މިފަހުން މީޑިއާގެ ސަމާލުކަމަށް އައިސްފައިވަނީ އޭނާގެ ޒާތީ ދިރިއުޅުމުގައި ހިނގަމުން އައި ކަންތައްތަކުގެ ސަބަބުންނެވެ.
އެގޮތުން މީގެ މަހެއްހާ ދުވަސް ކުރިން ފިރިމީހާ އޮފްސެޓްއާއެކު ވަރީގެ މައްސަލަ ކުރިއަށް ދިޔައިރު ކާޑިބީ އިނީ އެމީހުންގެ ތިންވަނަ ދަރިފުޅަށް ބަލިވެ އެވެ