އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ސައުތު އެފްރިކާއިން އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަނުމަށް ރާއްޖެއިން ހުށަހަޅަންޖެހޭ އެޖެންޑް ބަންޑާރަ ނައިބު އަހްމަދު އުޝާމްގެ ފަރާތުން އައިސީޖޭއަށް ހުށަހަޅައިފި އެވެ.
މި މައްސަލައަކީ ދެކުނު އެފްރިކާގެ ފަރާތުން މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހު އައިސީޖޭ އަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި، ދެކުނު އެފްރިކާއިން ހުށަހަޅާފައިވަނީ، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ، 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ހިލާފު އަމަލުތަކެއްކަމަށެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނީ ރާއްޖެއިން މިއަދު ހުށަހެޅި އިންޓަވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް" އަދި "ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުން ކަމަށެވެ.
އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ އަމަލުތައް ކުށްވެރިކޮށް، އެ އަމަލުތަކަކީ ޖެނޮސައިޑް އަދި އެޕާތައިޑްގެ ޢަމަލުތަކެއްކަމާއި، އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ޖަރީމާތަކެއްކަމަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަގްވާމީ އެހެން މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލުހޭދުގެ އަމަލުތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފަ އެވެ. އަދި ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުންކަމަށްވާއިރު، މި ހައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުންޏެވެ.