ޖަލު ބަންދުގައި ހުއްޓާ މަރުވި މީހާގެ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.
ޖަލު ބަންދުގައި ތިބޭ މިހުން މަރުވުމުގެ ހާދިސާތައް ތަކުރާރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އަނެއްކާވެސް، ޖަލު ބަންދުގައި ހުރި މީހަކު މަރުވުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އޮތް ކަމަށް ބެލުމުގެ ޖާގަ އޮތްއިރު އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގައި ތަހުގީގުގެ ހޯދުންތައް ހާމަކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.
މި ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް އެމްޑިޕީން ވަނީ ގޮވާލާފަ އެވެ.
ޖިންސީ ގޯނާގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ އުމުރުން 62 އަހަރުގެ މީހަކު މާފުށީ ޖަލުގައި އަމިއްލައަށް މަރުވެފައިވާކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ވަނީ ބުނެފަ އެވެ.
"މިކަން ހިނގައިފައި މިވަނީ، މި ސެޕްޓެންބަރު މަހުގެ ކުރީކޮޅު މާލޭގައި އަންހެނަކު ރަހީނުކުރި އާދަމް އަތުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ހުއްޓައި އޭނާ އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރުމުން، މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވި މައްސަލައިގައި އާއްމު ރައްޔިތުންނާއި މި ޕާޓީން ނުހަނު ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގުމަށާއި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް ގޮވައިލައިފައި ވަނިކޮށް ކަމުގައިވީ ހިނދު، އަނެއްކާވެސް މިފަދަ ހާދިސާއެއް ހިނގުމަކީ މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުން ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި ދާދިފަހުން މި ބާވަތުގެ އެހެން ހާދިސާއެއް ހިނގައިފައި ވާއިރު، މި ގައިދީ ޖަލު ގޮޅީގައި ހަރަކާތްތެރިވަމުންދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް އެ ޕާޓީއަށް ގަބޫލު ކުރެވޭ ކަމަށެވެ.