ކުޑަކުދިންނަށް ހަމަލާދީ މަރާލާ ހިޔަޅުތަކެއްގެ ސަބަބުން އިންޑިއާގެ ޑިސްޓްރިކްޓެއްގެ ރައްޔިތުން ހާސްކަމެއްގެ ތެރޭގައި ވަނީ ތިބެން ޖެހިފަ އެވެ.
މިމަހުގެ 17 ގައި ހަތަރު އަހަރުގެ ސަންދިޔާ ކިޔާ ކުޑަކުއްޖަކު ނިދާފައި އޮއްވާ ކަރަންޓް ދިޔަ ވަގުތު ހިޔަޅެއް ވަނީ އެކުއްޖާއަށް ހަމަލާދީ ގެންގޮސްފަ އެވެ. ސަންދިޔާގެ އާއިލާއިން ބުނީ ހިޔަޅު އެކުއްޖާ ގެންދަން ނެގީ އެންމެ ދެ މިނެޓް ކަމަށެވެ. ފަހުން ކުއްޖާގެ ހަށިގަނޑު ފެނުނީ ގެޔާ 500 މީޓަރު ދުރުގައި އޮތް އުއްދަނޑި ދަނޑެއް ކައިރިންނެވެ.
ހަމަ އެ މަހު ކުރީކޮޅު ވެސް އެ ސަރަހައްދުގެ ގެއެއްގައި މަދިރިގެ ދަށުގައި ނިދާފައި އޮތް 8 އަހަރުގެ ކުޑަކުއްޖަކު ކައިރިއަށް ހިޔަޅު ވަންނަނިކޮށް އެކުއްޖާގެ މަންމަ އަށް ފެނި ހަޅޭއްލަވައިގަތުމުން އަވަށްޓެރިންގެ އެހީތެރިކަމާއެކު ވަނީ ހިޔަޅު ފައްސާލާފަ އެވެ.
މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އިންޑިއާގެ ބަހްރައިޗް ޑިސްޓްރިކްޓްގައި ވަނީ ހިޔަޅުގެ ހަމަލާތައް އިތުރުވެފަ އެވެ. އެގޮތުން ނޭޕާލްގެ ބޯޑަރު ކައިރީގައި އޮންނަ އިންޑިއާގެ 30 އަވަށެއްގައި ވަނީ މިފަދަ އެކި ހާދިސާތައް ހިނގާފަ އެވެ. މިހާތަނަށް 9 ކުއްޖަކާއި ބޮޑު މީހަކު ވަނީ ހިޔަޅު ހަމަލާދީ މަރާލާފައިކަމަށް އެގައުމުން ބުނެ އެވެ. އޭގެ ތެރެއިން އެންމެ ހަގު ކުއްޖާއަކީ އެންމެ އަހަރެއްވީ ފިރިހެން ކުއްޖެކެވެ. ކުޑަކުދިންގެ އިތުރުން ހިޔަޅު ހަމަލާދީ މަރާލީ 45 އަހަރުގެ އަންހެނެކެވެ. މިހާތަނަށް ހިޔަޅު ހަމަލާތަކުގައި 34 މީހުން ޒަހަމްވެފައިވާ ކަމަށް އެ ޑިސްޓްރިކްޓުން ރިޕޯޓްކޮށްފައިވެ އެވެ.
ހިޔަޅުގެ އުނދަގޫ ބޮޑުވެފައިވަނީ އެ ސަރަހައްދުގެ ފަގީރުން ދިރިއުޅޭ ހިސާބުތަކުގަ އެވެ. ހިޔަޅަށް ފަސޭހައިން ހަމަލާދެވެނީ އެ ސަރަހައްދުގެ ގެތައް ރަނގަޅަށް ބަންދުކޮށް ތަޅުލެވޭނެ ގޮތް ނެތި އަލިކަން ނުހުންނާތީ ކަމަށް އެ ހިސާބުގައި ދިރިއުޅޭ މީހުން ބުނެ އެވެ. ހިޔަޅުގެ ހަމަލާތަކުގެ ބިރު ބޮޑުވެ އެ އަވަށްތަކުގެ ފިރިހެނުން ނުކުމެ އަނދިރި މަގުތައް އަލިކުރުމާއި މަގުތަކުގައި ފޯރިމަރަން ތިބެ އެވެ. އަދި އިދާރާތަކުން ޑްރޯން އާއި ކެމެރާހަރުކޮށް ސަރަހައްދު މޮނިޓާ ކުރެ އެވެ. މީގެ އިތުރުން ފަޓާސް ފަދަ އެއްޗެހި ރޯކޮށް ހިޔަޅު ބިރުގެންނެވުމަށް ބޭނުން ކުރަމުންދެ އެވެ. އެ މަސައްކަތްތަކުގެ ތެރެއިން 3 ހިޔަޅު އަތުލައިގަނެ ޖަނަވާރު ބަލަހައްޓާ ޒޫ އަށް ގެންގޮސްފައިވެ އެވެ.
ހިޔަޅު އިންސާނުންނަށް ހަމަލާ ދިނުމަކީ ވަރަށް މަދުން ހިނގާ ކަމެއް ކަމަށްވެ އެވެ. ގިނަފަހަރު އިންސާނުންނަށް ހަމަލާދެނީ ރަބީސް ކިޔާ ވައިރަލް ބައްޔެއް ޖެހޭ ހިޔަޅުކަމަށް ރިޕޯޓްތައް ބުނެ އެވެ. އިންޑިއާގެ އެކި ސަރަހައްދުތަކުގައި 3100 ހިޔަޅު އުޅޭކަމަށް ރިކޯޑް ކުރެވިފައިވެ އެވެ.
މިފަހަރު އިންޑިއާގެ ބަހްރައިޗް ޑިސްޓްރިކްޓްގައި ހިޔަޅުގެ އުނދަގޫ ބޮޑުވެފައި މިވަނީ މިފަހުން ކުރި ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ އެ ސަރަހައްދުގައި އޮންނަ ކޯރެއްގެ ކައިރީގައި އޮންނަ ޖަންގަލީގެ ސަރަހައްދުގައި އުޅޭ ހިޔަޅުތަށް ކާއެއްޗެހި ހޯދުމަށް މީހުން ދިރިއުޅޭ ސަރަހައްދަށް އާދެވިގެންކަމަށް ބެލެވޭ ކަމަށް އެކަން ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
1996 ވަނަ އަހަރު ވަނީ އިންޑިއާގެ އުއްތަރްޕްރަދޭޝްގެ 50 އަށް ވުރެ ގިނަ އަވަށުގައި 8 މަސް ވަންދެން ހިޔަޅު ހަމަލާތަކެއް ދީފައިވެ އެވެ. އެފަހަރު 76 ކުޑަކުދިން މަރާލާފައިވެ އެވެ. އެކަން ހުއްޓުނީ އިދާރާތަކުން ނުކުމެ 11 ހިޔަޅު މަރާލައިގެނެވެ.