ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އްޔަރުކުރަން ކޯޓު އަމުރެއް ނެރުނު މައްސަލާގެ ތަހުގީގީ ރިޕޯޓަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގީ ރިޕޯޓެއް ކަމަށް ބުނެ ސައްހަ ނޫން ރިޕޯޓެއް ދައުރުކުރަމުންދާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ 2016 ގައި ޔާމީނު ހައްޔަރުކުރަން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ކޯޓު އަމުރުގެ މައްސަލައިގެ ތަހުގީގީ ރިޕޯޓު ކަމަށް ބުނެ ދައުރުކުރަމުން ދަނީ ސައްހަ ނޫން ރިޕޯޓެއް ކަމަށެވެ. އެ ރިޕޯޓުގައި ބޭނުންކޮށްފައިވާ ހެޑާ އާއި އަސްލާ ދިމާނުވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒުގެ ނަމުގައި އެ ރިޕޯޓުގައި ބޭނުންކޮށްފައި ވަނީ މިހާރުގެ އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު ޝިފާނުގެ ސޮއި ފޯޖުކޮށް ކޮށްފައިވާ ސޮއި ކަމަށް އެ ބަޔާނުގައިވެ އެވެ.
ސައްހަ ނޫން މި ރިޕޯޓު އުފައްދައި ދައުރުކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސައްހަ ނޫން ލިޔެކިޔުން ތައްޔާރުކުރުމަކީ ގާނޫނީ ކުށެކެވެ.