މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓުފޯމް އެކްސް ބްރެޒިލްގައި ބޭނުން ކުރުން މަނާކޮށް އެގައުމުގެ ސުޕްރީމް ކޯޓުން އަމުރެއް ނެރެފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ގާޒީ އެ ނިންމުން ނިންމާފައިވަނީ އެކްސް މެދުވެރިކޮށް އެގައުމުގައި ހިންގި ކުށްތަކެއް ހުއްޓުވަން އެކްސްގެ ވެރިޔާ އިލަން މަސްކްއަށް ކުރި ހުކުމަކަށް ބޯނުލެނބުމުންނެވެ.
އެ މައްސަލާގައި އެ ގާޒީއާއި މަސްކްއާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވިފައިވާއިރު އެންމެ ފަހުން ނަތީޖާއަކަށް ވެގެންދިޔައީ ބްރެޒިލްގައި އެކްސް މަނާ ކުރުމެވެ.
މިކަމާ ގުޅިގެން މަސްކް ބުނެފައިވަނީ ބްރެޒިލްއަކީ އަބަދުވެސް ހަރުކަށި ގަވާއިދުތަކެއް ގެންގުޅޭ ގައުމެއް ކަމަށާއި މި ނިންމުމާމެދު ހައިރާން ނުވާ ކަމަށެވެ. އެއާއެކު ޝަރީއަތުގައި އެ ކުންފުނީގެ ދިފާއު ހުށައަޅަން މަސައްކަތް ކުރުމުން އެކުންފުނީގެ ވަކީލުން ޖަލަށް ލާން އިންޒާރުދިން ކަމަށް ވެސް އެކްްސްއިން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ ވާޗުއަލް ޕްރެއިވެޓް ނެޓްވޯކް (ވީޕީއެން) ބޭނުންކޮށްގެން ސިއްރުގައި އެކްސްއަށް ވަންނަ އާއްމުންވެސް ޖުރިމަނާ ކުރެވޭނެ ކަމަށެވެ.
މީގެ ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވެފައިވާ އެކްސްއަށް ބްރެޒިލްއަކީ ވަރަށް މުހިއްމު މާކެޓް އެކެވެ. އެހެން ނަމަވެސް މި ނިންމުމާއެކު އެކްސްއަށް މާލީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.
"7 ޑޯގްސް"އާއެކު ސަލްމާން ބައިނަލްއަގްވާމީ ސްކްރީނަށް!
ޕްރައިމަރީގެ ކެމްޕެއިން ފެއްޓެވުމަށް ޝާހިދު މާދަމާ އައްޑުއަށް
މިއީ 1999 ގެ ފަހުން ޔޫރަޕަށް ފެނުނު އެންމެ ފުރިހަމަ އިރުކޭތަ
ބުރެޒިލަށް ވަރަށް ހޫނު ތަރުޙީބެއް!!