ސިއްހީ ފަރުވާއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއެކު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. ރައީސް މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގަތީ އެމަނިކުފާނުގެ ސިއްހީ ހާލަތާ މެދު ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދެކެވިފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ވާހަކަތަކާ ގުޅިގެން ޕީއެންސީގެ ހަރުގެ ޖަލްސާގައި ރައީސް މިރޭ ވިދާޅުވީ އެމަނިކުފާނު ޑޮކްޓަރަށް ދެއްކީ އާރަށުގައި ފުޓުބޯޅަ ކުޅެން އުޅުއްވަނިކޮށް ލިބުނު އެންޖަރީއަކާ ހެދި ކަމަށެވެ.

"އަޅުގަނޑު މީގެ ދެތިން ދުވަސް ކުރިން ދިޔައިން ހޮސްޕިޓަލަށް. އަޅުގަނޑަކީ މާ ކުޅިވަރުގެ މީހެއް ނޫނަސް ހަފްތާއަކު ތިން ދުވަހު ފުޓުބޯޅަ ކުޅެވޭތޯ ބަލަން އާ ރަށުގައި އޮންނަ ދަނޑުގައި. އެންމެ ފަހުން ކުޅުނު ރޭ އަޅުގަނޑަށްވީ ގޮތަކުން އިންޖަރީއެއްވީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒަށް ރޭ ވަރަށް ބޮޑަށް މައިގްރޭންގެ ތަދު އައިސްގެން މިރޭ ސިންގަޕޫރަށް ވަޑައިގަތުމަށް ނިންމާފައިވާ ކަމަށް ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓްގައި ބުނެފައިވެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވަނީ މައިގްރޭން ތަދުގެ ފަރުވާ އަށް ނޫން ކަމަށެވެ. ސިންގަޕޫރަށް ފުރާވަޑައިގަންނަވަނީ، ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއާ ގުޅިގެންނާއި މީގެ ދެ އަހަރެންހާ ދުވަސްކުރިން ކުރި ސާރަޖީއަކާ ގުޅިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.