ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު ހަމަޖައްސައިފި އެވެ.
ސައީދު އެ މަގާމަށް އައްޔަން ކުރިކަން ޕީއެސްއެމް އިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ ޕީއެސްއެމްގެ އެމްޑީ ކަމަށް އައްޔަން ކުރީ އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުންނެވެ.
ސައީދު ވަނީ 1989 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި މަގާމްތައް އަދާކޮށްފަ އެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ އިތުރުން ޑިރެކްޓަ ޖެނެރަލްގެ މަގާމް ވެސް އަދާކުރެއްވި އެވެ.
އެނގިފައިވާގޮތުގައި ޒީނާ އިސްތިއުފާ ދެއްވީ 2013 އިން 2018 އަށް ޕީއެސްއެމް އިން އެކި ކުންފިނިތަކާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތަކަށް ފައިސާ ނުލިބެގެން އެ ފައިސާ ހޯދަން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ކޯޓުން ބޭރުން ހައްލުކޮށް އެ ފައިސާ ދިނުމަށް ރައީސް އޮފީހުގެ އިސް ބޭފުޅަކު އެނގެވުމުންނެވެ. ޒީނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
އެނގިފައިވާގޮތުގައި ޒީނާ އެކަމަށް އިންކާރު ކުރީ އެ މައްސަލަތަކުގައި ހިމެނޭ މަސައްކަތްތައް ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށްފައިވުމާއި އަދި އެކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެވެ.