ޓިކްޓޮކްގެ މައި ކުންފުނި ބައިޓްޑާންސްގެ ސިންގަޕޫރު އޮފީހުގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ކާނާ ވިހަވުމުގެ މައްސަލަތަކެއް ދިމާވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.
އަންގާރަ ދުވަހު 60 މީހެއްގެ ގައިން ގޭސްޓްރޯއެންޓެރައިޓިސްގެ އަލާމާތްތައް ފެނުނު މި ހާދިސާ ސިޓީ ސްޓޭޓްގެ ހެލްތު އެންޑް ފުޑް ސޭފްޓީ އޮފިޝަލުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭގެ ތެރެއިން 57 މީހަކަށް ފަރުވާ ދީފައި ވަނީ ހޮސްޕިޓަލުގަ އެވެ. ބައިޓްޑާންސުން ވެސް ވަނީ އެ ކުންފުނީގެ މުވައްޒަފުން ބަލިވީ ކޮން ސަބަބަކާ ހުރެތޯ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.
ބައިޓްޑާސްއިން ބުނި ގޮތުގައި އެއްވެސް ކާއެއްޗެއް އެ އޮފީހުގެ ތެރޭގައި ތައްޔާރު ނުކުރާ ކަމަށެވެ. އަދި މުވައްޒަފުން ކަނީ ތިންވަނަ ފަަރާތަކުން ކޭޓާ ކޮށްދޭ ކާ އެއްޗެހި ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސިންގަޕޫރުގެ ބިޒްނަސް ޑިސްޓްރިކްޓްގައި ހުންނަ އެ އިމާރާތަށް އެ ދުވަހު 17 އެމްބިއުލާންސް ފޮނުވި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
ބައިޓްޑާންސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަން ވަރަށް ސީރިއަސްކޮށް ބަލާކަމަށައި، ހާލުގައި ޖެހިފައިވާ ހުރިހާ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ޗައިނާގެ ވިޔަފާރިވެރިންތަކެއް 2012 ވަނަ އަހަރު އުފެއްދި ބައިޓްޑާންސަށް ފުރަތަމަ ބޮޑު ކާމިޔާބީއެއް ލިބުނީ ޗައިނާގައި ކުރު ވީޑިއޯ އެޕްލިކޭޝަނެއް ކަމަށްވާ ޑޫޔިން އިންނެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން އެ ކުންފުނިން ވަނީ ޑޫޔިންގެ ބައިނަލްއަގުވާމީ ވާޝަނެއް ކަމަށްވާ ޓިކްޓޮކް ތައާރަފްކޮށްފަ އެވެ.
ނަމަވެސް ޓިކްޓަކީ ޗައިނާގައި ބޭނުންކުރެވޭ އެޕެއް ނޫނެވެ. ޓިކްޓޮކްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިލިއަނަށް ވުރެ ގިނަ އެކްޓިވް ކަސްޓަމަރުން އެބަތިއްބެވެ. މިހާރު ޓިކްޓޮކަކީ ސިންގަޕޫރާއި ލޮސް އެންޖެލިސްގައި ހުންނަ ލިމިޓެޑް ލައިބިލިޓީ ކުންފުންޏަކުން ހިންގަމުން އަންނަ ކުންފުންޏެއް ނަމަވެސް އެއީ މައިގަނޑު ގޮތެއްގައި ބައިޓްޑާންސްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.