މިއުނިކް (9 ޖުލައި) – ޔޫރޯގެ ސެމީ ފައިނަލްގައި މިރޭ ފްރާންސް އަތުން ފަހަތުންއަރައި 2-1 އިން މޮޅުވެ، ސްޕެއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ މެޗުގެ ކުރީކޮޅު އެ ޓީމަށް ލީޑު ހޯދައިދިން ނަމަވެސް، ސްޕެއިން އިން އެއްވަރުކުރީ އުމުރުން 16 އަހަރުގެ ވިންގާ ލަމީން ޔަމާލް ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ. މި ލަނޑާއެކު، ޔަމާލް ވަނީ ޔޫރޯގައި މިހާތަނަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހޯދައިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިން އިން ލީޑު ނެގީ ޑެނީ އޮމްލޯ ޖެހި ލަނޑުންނެވެ.
ސްޕެއިން އިން ފައިނަލަށް މި ދަތުރުކުރީ ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ. މިއީ ޔޫރޯގެ މުބާރާތެއްގައި ޖެހިޖެހިގެން ހަ މެޗުން ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ.
ފްރާންސް މުބާރާތުން ކެޓިއިރު، މި މުބާރާތުގައި އެ ޓީމުން ދެއްކި ކުޅުމަށް ފުރަތަމަ މެޗުން ފެށިގެން ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. އެހެންކަމުން ސެމީން ޖާގަ ހޯދިޔަސް، ޖުމްލަ ގޮތެއްގައި ފްރާންސް އަސްލު ފެންވަރު މުބާރާތުގައި ނުދެއްކުނެވެ.
ފްރާންސް އިން މިރޭގެ މެޗު ފެށީ ވަރަށް ރަނގަޅަށެވެ. އަދި މެޗުގެ 8 ވަނަ މިނިޓުގައި އެ ޓީމުން ލީޑު ނެގި އެވެ. ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ހުރަސްކޮށްލި ބޯޅަ، ޕެނަލްޓީ އޭރިޔާ ތެރެއިން ކޯލޯ މުއާނީ ވަނީ ބޮލުން ގޯލަށް އަމާޒުކޮށްލައިފަ އެވެ.
ސްޕެއިން މެޗުގެ 21 ވަނަ މިނިޓުގައި މެޗުގެ ނަތީޖާ އެއްވަރުކުރީ ޔަމާލް ޖެހި މޮޅު ލަނޑުންނެވެ. ފްރާންސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ޔަމާލް ފޮނުވާލި ބާރު ޝޮޓް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ މުޅި މުބާރާތުގައިވެސް ފެނުނު އެންމެ ރީތި އެއް ލަނޑެވެ.
އޭގެ ހަތަރު މިނިޓު ފަހުން ސްޕެއިން އިން ލީޑު ނެގީ އޮލްމޯ ޖެހި ލަނޑުންނެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ކޮންޓުރޯލްކޮށްލައި، މޮޅު ޓަޗަކާއެކު ފްރާންސްގެ ޑިފެންޑަރު ކައިރިން ދެމިގަނެ، އޮލްމޯ ތިރިތިރިން ފޮނުވާލި ބާރު ޝޮޓް ގޯލުގެ ރޮނގުމަތިން ޖޫލްސް ކޫންޑޭ ދިފާއުކުރަން މަސައްކަތްކުރި އެވެ. އެކަމަކު ކޫންޑޭގެ ފައިގައި ޖެހިފައި ވެސް އެ ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.
ދެވަނަ ހާފުގައި ފްރާންސް އިން މެޗުގެ ނަތީޖާ އެއްވަރުކުރަން މަސައްކަތްކުރި އެވެ. މެޗުގެ ފަހުކޮޅު އެމްބާޕޭ ނުރައްކާތެރި ފުރުސަތެއް ތަނަވަސްކުރި ނަމަވެސް، އޭނާ ފޮނުވާލި ޝޮޓް ދިޔައީ ގޯލުގެ މަތިންނެވެ.
މުބާރާތުގެ ދެވަނަ ސެމީ ފައިނަލްގައި މާދަމާ ރޭ އިންގްލެންޑާ ދެކޮޅަށް ނުކުންނާނީ ނެދަލޭންޑްސް އެވެ.