ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހަޅާ ކުއްލި މައްސަލަތައް މަޖިލީހުން ބޭރުކުރަނީ މައިނޯރިޓީ ޕާޓީގެ އަޑު ކަނޑުވާލުމަށް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފި އެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ އެމްޑީޕީން މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތައް ސަރުކާރު ހިންގާ ޕާޓީން ބޭރުކޮށްލަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށެވެ. ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުން ހަނިކުރަން ޕީއެންސީ މެންބަރުން ވާހަކަ ދެއްކުމަކީ އެމްޑީޕީ ޕީޖީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި އެއީ މައިނޯރިޓީގެ އަޑު ކަނޑުވާލާނެކަމުގެ އިޝާރާތެއް ކަމަށް މައުރޫފު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބާރަ މެންބަރުން މަޖިލީހުގައި މައިނޯރިޓީގެ ގޮތުގައި ތިބި ކަމުގައި ވިޔަސް އަޅުގަނޑުމެންގެ އަޑު ކަނޑުވައެއް ނުލެވޭނެ. ރައްޔިތުންނާ ގުޅުންހުރި ކޮންމެ މައްސަލައެއް ކޮންމެ ދުވަހަކު ހުށަހަޅަން ޖެހުނު ކަމުގައި ވީނަމަވެސް ހުށަހަޅާނަން،" މައުރޫފް ވިދާޅުވި އެވެ.
އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާއަށް އަދި ސަރުކާރަށް ސަނާ ނުކިޔޭ ކަމެއް މަޖިލިސް ތެރެއިން ކުރަން ޕީއެންސީގެ މެންބަރުން ބޭނުން ނުވާ ކަމަށެވެ.
އެމްޑީޕީން ވަނީ ފާއިތުވި ހަފްތާއެއްހައި ދުވަސްތެރޭގައި ތިން ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފަ އެވެ. ނަމަވެސް ތިން މައްސަލަ ވެސް ވަނީ މަޖިލިސް ތަޅުމުން ބޭރުކޮށްލާފަ އެވެ.
އެކަމަކު ވަރަށްބާރަށް ޕީއެންސީގެ މެމްބަރުން ބުނި އެމްޑީޕީން ފުރުސަތު ނުދިނަސް އަހުރުމެން އިދިކޮޅު ޕާޓީއަށް އެފުރުސަތު ދޭނަމޭ ބުނި މީހުންނަށް މިވަނީ ކިހިނެއް ހިއްވަރު ނެތީތަ