ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެންމެ ބޮޑު ހަމަލާއެއް ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ މިރޭ ޕީއެންއެފްއިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޑރ. ޖަމީލް ވިދާޅުވީ ރާއްޖެއަށް އެންމެ ބޮޑު ހަމަލާއެއް ދިނީ ހޮޅިން ކަމަށާއި ހޮޅިން ދިން ފަދަ ހަމަލާއެއް ރައީސް ޔާމީނަށް ރައީސް މުއިއްޒު ދެއްވާފައި ވާކަމަށެވެ.
މިއަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޑރ. ޖަމީލް ވިދާޅުވީ މި ވެރިކަން ގެނައުމަށް އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވީ ޔާމީން ކަމަށާއި އެންމެ ބުރަ މަސައްކަތް ކުރެއްވީ މިހާރު ޕީއެންއެފްގައި ތިއްބެވި ބޭފުޅުންނާއި ޕީޕީއެމް މެންބަރުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލެވުނީ މި ގައުމާއި ރައްޔިތުންގެ ދިފާއުގައި ކުރައްވަމުން ގެންދެވި މަސައްކަތް ހުއްޓުވުމަށް ކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތަށް މީހެއްގެ ނުފޫޒެއް ނުފޯރުވާނަމަ އެމަނިކުފާނު ސަލާމަތްވެ މިނިވަން ވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ވާކަމަށެވެ. އެހެންކަމުން މިހާރު ޔާމީން މިނިވަން ނުވަނީ ނުފޫޒު ފޯރުވާތީ ތޯ ޑރ. ޖަމީލް ސުވާލު އުފެއްދެވި އެވެ.
ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފަ އެވެ. އެހެންކަމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ޖެހޭނީ އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅާށެވެ.
އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާއެއްގެ މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ. އެހެންވެ ރައީސް ޔާމީނަކީ ހަގީގަތުގައި މިނިވަންވެވަޑައިގެންފައިވާ ބޭފުޅެއް ކަމުގައި ނުބެލެވޭނެ ކަމަށް ޕީއެންއެފް އިން އަންނަނީ ބުނަމުންނެވެ.