މިއީ ކަނޑައެޅިގެން އޮޅުވާލާ ދޮގުހަދާ ސަރުކާރެއްކަން ރައްޔިތުން މިހާރު ވެސް ގަބޫލުކުރާކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތައް މަޖިލީހަށް ހުށަހަޅާ ރައްޔިތުންގެ ސަމާލުކަމަށް މިކަން މި ގެންނަނީ މި ދޮގާ މަކަރާ އޮޅުވާލާ ސަރުކާރުގެ ކަންކަން ހާމަކޮށްދިނުމުގެ ގޮތުން ކަމަށާއި ގައުމު މިހާލަތައް ވައްޓާލާއިރު ރައްޔިތުން މަޑުން ނުތިބޭނެ ކަމަށެވެ.
މައުރޫފް އިތުރަށް ވިދާޅުވީ ރައްޔިތުން އެމްޑީޕީއާއެކު ނުކުންނާނެ ކަމަށާއި އެ ޕާޓީއަކީ މަގުމަތީގައި މުޒަހަރާކުރަން ވެސް މަގުމައްޗަށް ވެސް ވަރަށް ފަރިތަ ޕާޓީއެއް ކަމަށެވެ.
"އަޅުގަނޑުމެން ރައްޔިތުންގެ ހައްގުގައި މި ގައުމުގެ ހައްގުގައި ކުރާން ޖެހުނު ކޮންމެ ކަމެއް ކުރާނެ. އެއީ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުން ކަމުގައި ވީނަމަވެސް،" މައުރޫފް ވިދާޅުވި އެވެ.
ގައުމުގެ މާލީ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ގައުމު ސަލާމަތް ކުރުމަށްޓަކައި މަޖިލީހުގެ އަދަދު މަދުކުރަން ވެސް އަދި މުސާރައާއި އިނާޔަތްތައް ކުޑަކުރަން ވެސް އެމްޑީޕީއިން ތާއިދު ކުރާކަމަށެވެ.
މިއަދު އެމްޑީޕީއިން ވަނީ ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް އިންކާރު ކުރަމުންދާތީ އެ މައުލޫމާތު ހާމަކުރުމަށް ސަރުކާރަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފަ އެވެ.