ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރަމުންދާ އައިއެސް ޖަމާއަތުގެ ލީޑަރެއް ކަމަށް ތުހުމަތު ކުރެވޭ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ގޭބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް، އޭނާ ޖަލުގައި ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފި އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އަމީންގެ މައްޗަށް ޝަރުތުކޮށް ގޭގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ކޮށްފައިވާ އަމުރެއް ކަމުގައި ބެލެވެން ނެތް ކަމަށް ކަނޑައަޅާފަ އެވެ.
އަމީން ޑޮކްޓަރަށް ދެއްކުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން އަމަލުކޮށްފައިވާ ގޮތްތަކަށް ބެލުމުން އޭނާއަށް ދިމާވެފައިވާ ބަލިތަކަށް ފަރުވާ ދިނުމަށް ދައުލަތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ވެ އެވެ.
އަމީނަކީ އަވަސް ފަރުވާ ލިބެންޖެހޭ ސިއްހީ ހާއްސަ ހާލަތެއްގައި ހުރި ފަރާތެއްކަން އަދި އޭނާއަށް ފަރުވާ ނުދެވިއްޖެނަމަ އޭނާގެ ފުރާނައަށް ނުރައްކާވާފަދަ ބައްޔެއް އެހާތަނަށް ހުރިކަން އޭނާ ބެލި އެއްވެސް ޑޮކްޓަރަކުފާހަގަކޮށްފައި ނުވާކަން ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން އެނގޭ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
އަމީންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.
އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ވެސް ތުހުމަތު ކުރެވުނު މީހެކެވެ. އެ މައްސަލާގައި އެނާ ހޯދަން އިންޓަޕޯލުން ރެޑްނޯޓިސް ވެސް ނެރުނެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފަ އެވެ.
ނުހައްޤުން މީސްތަކުންނަށް ކުރާ އަނިޔާގެ ބަދަލު ޤިޔާމަތް ދުވަހުން ﷲ ތަޢާލާގެ ޙަޟްރަތުގައި މާ ނިކަމެތި ކަމާއެކު އަދާކުރަން ޖެހޭނެ.