އިންޖީނުގެ އަނދައި ހުލިވި ތ. ވޭމަންޑުއަށް ވަގުތީ ގޮތުން މިރޭ ކަރަންޓް ދޭން ފަށައި، ދާއިމީ ކަރަންޓު ދެ ދުވަސްތެރޭގައި ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އެ ރަށުގައި ހުންނެވި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު "ހުރިހާ"އާ ވާހަކަދައްކަވަމުން ވިދާޅުވީ ވަގުތީ ކަރަންޓު ދިނުމަށް ކައިރި ރަށްރަށުން ޖަނަރޭޓަރު ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ދާއިމީ ކަރަންޓު ދޭން މާލެ ޖަނޭޓަރުތަކެއް ހިފައިގެން ފުރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަގުތީ ކަރަންޓް މިރެއިން ފެށިގެން ލިބޭނެ ކަމުގެ އުއްމީދު އެބައޮތް. ދާއިމީ ކަރަންޓު ދޭން ގެންނަ ޖަނަރޭޓަރުތައް މިރޭ ފަތިހު މި ރަށަށް ގެނެވޭނެ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޭމަންޑުއަށް ދާއިމީ ކަރަންޓު ދެ ދުވަހެއްގެ ތެރޭގައި އަލުން ދޭން ފެށޭނެ ކަމަށެވެ.
ވޯލްޑް ބޭންކުން ހިންގި އައުޓާ އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓްގެ ދަށުން ހެދި އިންޖީނުގެ ރޯވިއިރު 600 ކިލޯވޮޓް އެއް ޖަނަރޭޓަރާއި 500 ކިލޯވޮޓް އެއް ޖަނަރޭޓަރު އަދި 450 ކިލޯވޮޓުގެ އެއް ޖަނަރޭޓަރު ބޭނުންކުރެ އެވެ. މި ހާދިސާގައި އެ ތިން ޖަނަރޭޓަރު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އިންޖީނުގެ އަނދައި ހުލިވުމުން ގާތްގަނޑަކަށް ދިހަ މިލިއަނެއްހާ ރުފިޔާ ގެއްލުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެތަނުގައި އެ ހާދިސާ ހިނގިއިރު ހުރީ އިންޝުއާ ނުކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ވޯލްޑް ބޭންކު ހިންގި ޕްރޮޖެކްޓެއް. އޭރު އިންޝުއާކޮށްފައި އޮވެދާނެ. އަޅުގަނޑުމެން އިންޝުއާ ކޮށްފައެއް ނޯންނާނެ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އިންޖީނުގޭގައި ރޯވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަމާ ބެހޭ ތަހުގީގުކުރަމުންދާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"ބަޔަކު ގަސްދުގައި ކުރިކަމަށް ލަފައެއް ނުކުރަން. ނަމަވެސް ރޯވާން ދިމާވި ސަބަބު ތަހުގީގުކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
މި ހާދިސާ ހިނގުމާ ގުޅިގެން އެނާޖީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވެސް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ. ޑރ. ހުސެއިންގެ އުފަން ރަށުގެ އިންޖީނުގެ އިންޖީނުގެ އަނދައި ހުލިވުމުން އެތަނަށް ވަޑައިގެން ވަނީ ބައްލަވާލައްވައިފަ އެވެ.