ޑޯޓްމްނަޑް (16 ޖޫން) - ޔޫރޯގެ ގުރޫޕް ބީގައި މިރޭ އަލްބޭނިއާ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ރަނގަޅު ފެށުމެއް ހޯދައިފި އެވެ.
ޑޯޓްމަންޑްގެ ބީވީބީ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން 23 ސިކުންތުގެ ތެރޭގައި އިޓަލީ ސިއްސުވާލުމަށްފަހު ލީޑު ނެގީ އަލްބޭނިއާ އެވެ. އިޓަލީގެ ޑިފެންޑަރު ފެޑެރީކޯ ޑިމާކޯ ގޯސްކޮށް އެއްލި ބޯޅައެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިޔާ ތެރެއިން އަލްބޭނިއާގެ ނެދިމް ބަޖްރާމީ ވަނީ ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ ޔޫރޯގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ އަވަހަށް ޖެހި ގޯލެވެ.
އެކަމަކު އަލްބޭނިއާއަށް މާ ގިނައިރަކު ލީޑު ނުހިފެއްޓުނެވެ. މެޗުގެ 11 ވަނަ މިނިޓުގައި ލޮރެންޒޯ ޕެލެގްރީނީ ހުރަސްކޮށްލި ބޯޅައެއް ގޯލަށް އަމާޒުކޮށްލައި، ޑިފެންޑަރު އަލަސްންދުރޯ ބަސްޓޯނީ ވަނީ އިޓަލީއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އަދި އޭގެ ފަސް މިނިޓު ފަހުން އިޓަލީގެ މިޑްފީލްޑަރު ނިކޯލޯ ބަރޭލާ ވަނީ ލަނޑެއް ޖަހައި، އިޓަލީއަށް ލީޑު ހޯދައިދީފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް އިޓަލީން ގިނައިރު ބޯޅަ ގެންގުޅު ނަމަވެސް، ފުރަތަމަ ހާފާ ހިލާފަށް މާ ގިނަ ހަމަލާތަކެއް ނުއުފެއްދުނެވެ.
އަލްބޭނިއާއަށް ދެވަނަ ހާފުގައި ވެސް އިޓަލީގެ ޑިފެންސްލައިނަށް މާ ބޮޑު އުނދަގުލެއް ނުކުރެވުނެވެ.
ގުރޫޕް ބީގައި ދެން އޮތީ ކްރޮއޭޝިއާ އާއި ސްޕެއިން އެވެ. މި ގުރޫޕްގެ ފުރަތަމަ މެޗުގައި މިރޭ ސްޕެއިން ވަނީ 3-0 އިން ކްރޮއޭޝިއާ ބަލިކޮށްފަ އެވެ. – އޭއެފްޕީ