ނިއުރޯޑައިވާޖެންޓް މި ބަސް ބޭނުންކުރަނީ އާންމުކޮށް އިންސާނުންގެ ސިކުނޑި މަސައްކަތްކުރާ ގޮތާ, ކަންކަން ދަސްކުރާ ގޮތާއި އިޖުތިމާއީ ގޮތްތައް ތަފާތު ކޮށް ހުންނަ މީހުންނަށެވެ. މިއީ ކުރިން ނޯމަލް ނޫން ކަމެއް ކަމުގައި ނުވަތަ މައްސަލައެއް ކަމުގައި ކުރިން ދެކެވުނު ނަމަވެސް, ނިއުރޯޑައިވާޖެންޓް ވުމަކީ މައްސަލައެއް ނޫނެވެ. އެއީ މުޖުތަމައުއަށް ފައިދާ ކުރާނެ ކަމެކެވެ.
ނިއުރޯޑައިވާޖެންޓް ހުރިހާ އެންމެންނަކީ ޑިސަބިލިޓީއެއް [ނުކުޅެދުން] ހުންނަ މީހުންކަން ދެކުން ހުއްޓާލާ އެއީ ތަފާތުކޮށް ސިކުނޑި މަސައްކަތް ކުރާ މީހުން ކަމުގައި ދެކެންޖެހެ އެވެ. އަދި މި ތަފާތުކަން އެންމެން ވެސް ބަލައިގަންނަން ޖެހެ އެވެ. މި ރިޕޯޓްގައި ކިޔާދޭނީ ނިއުރޯޑައިވާސިޓީ އަކީ ކޮން ކަމެއްކަމާއި އޭގެ ބައެއް މިސާލުތަކާއި ތިމާއަކީ ނިއުރޯޑައިވާޖެންޓް މީހެއްކަން ދެނެގަންނާނެ ގޮތެވެ.
ނިއުރޯޓިޕިކަލް އާއި ނިއުރޯޑައިވާޖެންޓް މީހުންގެ ތަފާތަކީ ކޮބާ؟
ނިއުރޯޓިޕިކަލް މީހުންނަކީ އެންމެން ބަލައިގަންނަ ގޮތަށް ވިސްނާ, ކަންކަން ދަސްކޮށް, "ނޯމަލް" ކޮށް އުޅޭ މީހުންނެވެ. އެމީހުންނަކީ އިޖުތިމާއީ ގޮތުން ސެޓްކޮށްފައި ހުންނަ ސްޓޭންޑަޑްތަކަށް ފެތޭ މީހުންނެވެ. މިއާ ޚިލާފަށް ނިއުރޯޑައިވާޖެންޓް މީހުންގެ ސިކުނޑި މަސައްކަތް ކުރާނީ ތަފާތުކޮށެވެ. އެހެންކަމުން އެމީހުންނަކީ އިޖުތިމާއީ ގޮތުން ސެޓްކޮށްފައި ހުންނަ ސްޓެންޑަޑްއަށް ނުފެތެނީ އެވެ. ނިއުރޯޑައިވާޖެންސް ފެނިދާނެ އެކިއެކި ލެވެލްތައް ހުރެ އެވެ.
ނިއުރޯޑައިވާޖެންސް ގެ އެކި އެކި ވައްތަރުތައްއެކި މީހުންގެ ސިކުނޑި މަސައްކަތްކުރާ ގޮތް ތަފާތުވާނެ އެވެ. އެހެންކަމުން ނިއުރޯޑައިވާޖެންސް އަކީވެސް މި ގޮތަށް އެކި އެކި ގޮތް ގޮތަށް ފެންނަން ހުންނަ ކަމެކެވެ. ނިއުރޯޑައިވާޖެންސްގެ ހުރިހާ ވައްތަރެއް މި ރިޕޯޓްގައި ނުހިމެނު ނަމަވެސް އާންމުކޮށް މިހާރު ހުންނަ ވައްތަރުތަކަކީ މިއީ އެވެ.
އޯޓިޒަމް
އޯޓިޒަމްއަކީ ސެޕެކްޓްރަމް ޑިސްއޯޑާއެކެވެ. އޯޓިސްޓިކް މީހުންގެ ހުންނަ ޓްރެއިޓްތަކުގައި ރޭންޖެއް ހުރެ އެވެ. މި ޓްރެއިޓްތައް ފެންނަ ގޮތް ވެސް އެކި މީހުންގެ ތަފާތެވެ. އަދި ކޮންމެ އޯޓިސްޓިކް މީހަކަށް ބޭނުންވާ ސަޕޯޓް ވެސް ތަފާތެވެ. އޯޓިޒަމްއަކީ ކުރިން އެޒްޕާޖާސް ސިންޑްރޯމް ފަދަ އެކި އެކި ސަބްޓައިޕްތައް ހުރި ވައްތަރެކެވެ. އެކަމަކު މި ފަދަ ސަބްޓައިޕްތައް ބޭނުންކުރުން ހުއްޓާލައިފި އެވެ. މިހާރު އޯޓިސްޓިކް ކޮމޮއިނިޓީއިން ބަލައިގަންނަނީ މި ކަމަކީ ސްޕެކްޓްރަމްއެއް ގޮތަށް ވިސްނަންޖެހޭ ކަމެއް ގޮތުގަ އެވެ. އޯޓިޒަމް ހުންނަ މީހުންނަށް އިޖުތިމާއީ ހުނަރުތައް ދަސްކުރުމަށް ހުރަސްތަކެއް ކުރިމަތިވެ އެވެ. އަދި ބައެއް ކަންކަން ތަކުރާރުކޮށް ކުރުމަށް އާދަވެ އެވެ. މިއަށް ކިޔަނީ "ރެޕެޓެޓިވް ބިހޭވިއާ" އެވެ. އޯޓަޒަމް ސެލްފް އެޑްވޯކަސީ ނެޓްވޯކުން ބުނާ ގޮތުގައި, އޯޓިސްޓިކް މީހުން ވިސްނާ ގޮތާއި, ހިއްސުތައް މަސައްކަތްކުރާ ގޮތާއި, ހަރަކާތްކުރާ ގޮތާއި, ވާހަކަ ދައްކާ ގޮތާއި އިޖުތިމާއި ހުނަރުތައް ތަފާތުވާނެވެ.
އޭޑީއެޗްޑީ
އެޓެންޝަން ޑެފެސިޓް ހައިޕާ އެކްޓަވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ މީހުންނަށް އެމީހުންގެ ވިސްނުން ހުންނަ ގޮތާއި ކަންކަމަށް އެޓެންޝަން ދެވޭ މިންވަރާއި ކަންކަން ކުރާ ގޮތާއި އަދި ކަންކަން އިހުސާސްކުރެވޭ ގޮތް ތަފާތުވާނެ އެވެ. އޭޑީއެޗްޑީ ހުންނަ މީހުންނަށް އެއްޗެހި ތަރުތީބުކޮށް ބެހެއްޓުމަށް އަދި ހަރަކާތެއް ނުކޮށް ހުންނަން އުނދަގޫ ވެދާނެ އެވެ. އަދި ވަށައިގެންވާ ކަންކަމަށް ޝައުގުވެރިކަން ކުޑަވެ ޒޯން އައުޓް ވެދާނެ އެވެ. އޭޑީއެޗްޑީ ހުންނަ މީހުންނަކީ އާންމުކޮށް ވިސްނާގޮތާއި ތަފާތުކޮށް ވިސްނާ ބައެއް ކަމުން މި މީހުންނަކީ ކަންކަން ހައްލު ކުރުމަށް މޮޅު ބައެކެވެ. މި މީހުންނަކީ އެކީގައި އުޅެން މަޖާ, އެހެން މީހުންނަށް ވެސް ވިސްނާ މީހުންނެވެ.
ޑިސްލެކްސިޔާ
މީއީ ވާހަކަދެއްކުމުގައި އަދި ލިޔެކިޔުމުގައި އުނދަގޫތަކެއް ކުރިމަތިވާ މީހުންނެވެ. ޑިސްލެކްސިޔާ ހުންނަ މީހުންނަށް ބަސްތައް ނުބައިކޮށް ކިޔާ ހެދެ އެވެ. ލިޔާއިރު އަކުރުތައް އިސްފަސްވެ އެވެ. ބައެއް އަކުރުތައް ކިޔަން އުނދަގޫވެ އެވެ. އަދި ޑިރެކްޝަން ދިނުމުން އެކަން އެގޮތަށް ކުރަން އުނދަގޫވެ އެވެ. ޑިސްލެކްސިޔާ ހުންނަ މީހުންނަކީ "ބިގް ޕިކްޗަ" ވިސްނުން ހުންނަ މީހުންނެވެ. މި މީހުން މޮޅުވާނީ ފެންނަން ހުންނަ ކަންކަން ފަސޭހައިން ނަގައިގަތުމަށެވެ. އެހެންކަމުން މި މީހުންނަކީ ވަރަށް ވެސް ކްރިއޭޓިވް މީހުންނެވެ.
ނިއުރޯޑައިވާޖެންޓް މީހެއްކަން ދެނެގަންނާނީ ކިހިނެތް؟
ނިއުރޯޑައިވާޖެންޓް މީހެއްކަން ދެނެގަންނަން އެންމެ ރަނގަޅު ގޮތަށް ޕްރޮފެޝަނަލް މީހަކު މެދުވެރިކޮށް ޑައިގްނޯސް ކުރުމުވެ. ނިއުރޯޑައިވާޖެންޓް ކޮންޑިޝަންއެއްގެ އަލާމާތްތައް ހުރެމެ, އެކަންކަން އަމިއްލައަށް ނިންމާލުމަކީ އެހާ އެދެވިގެންވާ ކަމެއް ނޫނެވެ. ގިނަ މީހުންނަކީ ނިއުރޯޑައިވާޖެންޓް މީހުންނަށް ވިޔަސް ގިނަ ފަހަރަށް މުޅި ހަޔާތް ދަނީ އެކަން ނޭނގި އެވެ. އެކި މީހުންގެ އެކި އެކި އަލާމާތްތައް ހުރުމުގެ ސަބަބުން ގިނަ ފަހަރަށް އެކަން އަޅައި ނުގަންނަނީ އެވެ. އުމުރުން ދުވަސްވުމުން އެކަން އެނގުނު ކަމުގައި ވިޔަސް ޑައިގްނޯސް ވުމުން އަމިއްލަ މީހާގެ ހުންނަ ގިނަ ކަންކަން އެހެން ހުންނަނީ ކީއްވެގެންކަން އެނގެ އެވެ. މިއީ ވެސް ވަރަށް ބޮޑު ކަމެކެވެ. އަދި ޑައިގްނޯސް ވުމުން މި ކަހަލަ ކޮންޑިޝަންތަކަށް ހާއްސަ ކޮށް މަސައްކަތްކުރަން އެނގުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ނިއުރޯޑައިވާސިޓީގެ ކުރިމަގު
ދުނިޔެ މިދަނީ ބަދަލުވަމުންނެވެ. އިންސާނުންގެ ސިކުނޑި މަސައްކަތްކުރާ ގޮތްތައް ދެނެގަތުމަށް ކުރޭވޭ މަސައްކަތް ކުރިއަށް ވުރެ މާ ރަނގަޅެވެ. މުޖުތަމައުގައި ތަފާތު މީހުން ބަލައިގަތުން ވެސް މަޑު މަޑުން ވެސް ދަނީ ކުރިއަރަމުންނެވެ. ނިއުރޯޑައިވާޖެންޓް މީހުންނަށް ލިބެން ޖެހޭ ހާއްސަ ތައުލީމުގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ. ކާމިޔާބު މުޖުތަމައުއެއް ބިނާ ކުރެވެން އޮތީ އެންމެންގެ ތަފާތުކަން ބަލައިގަނެގެންނެވެ.