އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދުމާ ގުޅިގެން ހުރިހާ މެޗެއް އެޗްޑީކޮށް ވަގުތުން ދައްކާނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކަމުގައި އެ ކުންފުނިން މިއަދު ބުނެފި އެވެ.
ޕީއެސްއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ ޔޫރޯ ދެއްކުމަށް ރައިޓްސް އޮތް ހަމައެކަނި ދިވެހި ފަރާތަކީ ޕީއެސްއެމް ކަމަށެވެ. ޕީއެސްއެމްގެ ޓީވީއެމް އަދި ޔޭސްޓީވީން ވަގުތުން މިފަހަރުގެ މުބާރާތް ގެނެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޔޫރޯ ދެއްކުމަށް ރައިޓްސް އޮތް ހަމައެކަނި ދިވެހި ފަރާތަކީ ޕީއެސްއެމް. ޕީއެސްއެމްގެ ޓީވީއެމް އަދި ޔެސްޓީވީން ގެނެސްދޭނަން އިރާދަކުރެއްވިއްޔާ،" ޒީނާ ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ޔޫރޯ މުބާރާތް ޕީއެސްއެމުން ނުގެނެސްދިނުމުން އާންމުންގެ ކަންބޮޑުވުން ހިއްސާކުރިކަން ފާހަގަކުރައްވައި، ޒީނާ ވިދާޅުވީ އޭރު މުބާރާތް ނުދެއްކުނީ ސޮނީއަށް ދައްކަން ޖެހޭ ދަރަނިތަކެއް ނުދައްކާ ހުރުމުން ކަމަށެވެ. އަދި، މި އަހަރު އެ މުބާރާތް ދެއްކުމުގެ ފުރުސަތު ހޯދީ އެ ދަރަނި ދެއްކުމަށް ޕްލޭނެއް ހެދުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ހުރިހާ މެޗެއް ވެސް އަލްޓްރާ އެޗްޑީކޮށް ގެނެސްދިނުމަށް ހަމަޖެހިފައި ވާއިރު، ބެލުންތެރިން މެޗުތައް ބަލަން އަގެއް ދައްކަން ނުޖެހޭނެ ކަމަށް ވެސް ޒީނާ ވިދާޅުވި އެވެ.
ޖަރުމަނުގެ 10 ސިޓީއެއްގައި ކުޅޭ މި މުބާރާތުގައި ޔޫރަޕްގެ 24 ގައުމަކުން ކުޅޭ އިރު، މި މުބާރާތުގައި ޖުމްލަ 51 މެޗް ކުޅޭނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖުލައި 14 ވަނަ ދުވަހު ބާލިންގަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ޖޫން 14 ވަނަ ދުވަހުގެ ރޭ ބައްދަލު ކުރާނީ ޖަރުމަނާއި ސްކޮޓްލޭންޑެވެ.