ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދުނު ފަރާތްތަކުގެ ތެރެއިން، ކަނޑައެޅި އަދަދަށްވުރެ ގިނައިން ފޯމު ހުށައެޅި ކެޓަގަރީތަކުގެ ގުރުއަތުލުން ޖޫން މަހުގެ 4 ވަނަ ދުވަހު ބާއްވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ފޯމު ހުށައެޅި ފަރާތްތަކުގެ ތަފްސީލް ހިމެނޭ ލިސްޓު އެ ވުޒާރާއިން މިހާރު ވަނީ ގެޒެޓުކޮށްފަ އެވެ.
ގުޅިފަޅަށް ބަދަލުކުރަން ހުޅުވާލި ގޯތީގެ އަދަދާއި ސައިޒު:
- 1250 އަކަފޫޓުގެ 196 ގޯތި
- 1650 އަކަފޫޓުގެ 663 ގޯތި
- 2050 އަކަފޫޓުގެ 234 ގޯތި
- 2450 އަކަފޫޓުގެ 3 ގޯތި
ގިރާވަރުފަޅުން ގޯތި ލިބުނު މީހުން، ގުޅިފަޅަށް ގޯތި ބަދަލުކުރުމުގެ ފުރުސަތު ދެފަހަރެއްގެ މަތިން ހުޅުވާލި އެވެ. އެގޮތުން ބަދަލުކުރަން ހުޅުވާލި 1096 ގޯއްޗަށް އެދި 2،210 މީހުން ފޯމު ހުށައަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދުނު ފަރާތްތަކުގެ އަދަދު:
- 1250 އަކަފޫޓުގެ ގޯއްޗަށް 1093 ފޯމް
- 1650 އަކަފޫޓުގެ ގޯއްޗަށް 880 ފޯމް
- 2050 އަކަފޫޓުގެ ގޯއްޗަށް 234 ފޯމް
- 2450 އަކަފޫޓުގެ ގޯއްޗަށް 3 ފޯމް
ހައުސިން މިނިސްޓްރީން ވަނީ ފޯމު ހުށައެޅި ފަރާތްތަކުގެ ނަމާއި، އައިޑީ ނަންބަރާއި، ފޯމު ނަންބަރު އަދި އެމީހުންނަށް ފުރަތަމަ ގޯތި ލިބުނު ލޮޓް ނަންބަރު ވަނީ ގެޒެޓުކޮށްފަ އެވެ.
އެ މިނިސްޓްރީން ބުނީ 1250 އާއި 1650 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް ހުށައެޅި މީހުންގެ އަދަދު، ކަނޑައެޅި އަދަދަށް ވުރެ އިތުރުވާތީ، ގޯތި ބަދަލުކުރެވޭ މީހުން ކަނޑައަޅާނީ ގުރުއަތަކުން ކަމަށެވެ. މިގުރުއަތު ނެގުން އޮންނާނީ ޖޫން މަހުގެ 4 ވާ އަންގާރަ ދުވަހު އެވެ. ގުރުއަތު ނަގާ ތަނާއި ގަޑި ހައުސިން މިނިސްޓްރީން އިޢުލާނުކުރާނެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ 2050 އަދި 2450 އަކަފޫޓުގެ ކެޓަގަރީން ފޯމު ހުށައެޅީ ކަނޑައަޅާފައިވާ އަދަދަށް ކަމަށެވެ. އެހެންކަމުން އެމީހުންގެ ނަގާނީ، ގުޅިފަޅުން ގޯތި ލިބޭ ތަން ކަނޑައަޅާ ގުރުއަތުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. މި ގުރުއަތު އޮންނަ ތާރީހު ފަހުން އިޢުލާންކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ގުޅިފަޅުން ގިރާވަރުފަޅަށް ގޯތި ބަދަލުކުރަން އެދުނު މީހުންގެ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، އަންނަ ހުކުރު ދުވަހުގެ ރޭގަނޑު 11:00ގެ ކުރިން، ހައުސިން މިނިސްޓްރީއަށް ލިޔުމުން ހުށައެޅުމަށް ވަނީ އެދިފަ އެވެ.
ކުރީ ސަރުކާރުން ގިރާވަރު ފަޅުން 5،432 ގޯތި ދޫކުރުމަށް ނިންމާ އޭގެ ލިޔުން ހަވާލުކޮށްފައިވެ އެވެ. ނަމަވެސް އެއަދަދަށް އެތަނުން ގޯތި ނެގެން ނެތުމުން، މި ސަރުކާރުންވަނީ ހާހަކަށް ވުރެ ގިނަ ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުސަތު ދީފަ އެވެ.
ގުޅިފަޅުން ހިއްކާފައިވަނީ 160 ހެކްޓަރުގެ ބިމެވެ. އެ ފަޅުގައި ބާކީ އޮތް 85 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން މިހާރު ވަނީ އެކަމާ ގުޅޭ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.