ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ތަންރީނުތަކެއް މިއަދު ފަށައިފި އެވެ.
އެ ތަމްރީނު ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ހިލްމީގެ އިތުރުން ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖާ ޖެނެރަލް ޕީޓާ ރޮނެކް ވަނީ ރިމާކްސް ހުށަހަޅުއްވައި ދެއްވާފަ އެވެ.
މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ތާވަލުކޮށްފައިވާ އެކްސަސައިޒް "ބްލެކް މަރލިން" ގެ މި އެޑިޝަންގައި ފަސް އެސްއެމްއީއީ (ސަބްޖެކްޓް މެޓާ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފަ އެވެ. އޭގެތެރޭގައި، އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ. މީގެތެރެއިން އިންފެންޓްރީ އެސްއެމްއީއީ ލ. ކައްދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެހެން ހުރިހާ އެސްއެމްއީއީތަކެއް ކުރިއަށް ދާނީ މާލޭގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ބްރިގޭޑް ނުވަތަ ބެޓާލިއަން ލެވެލްގައި އިންޓަގްރޭޓެޑް ކްރޮސް ފަންކްޝަނަލް ސްޓާފުން ލީޑުކޮށް ބެލެހެއްޓުމަށް އެންމެ އެކަށޭނެ ޓީޓީޕީއެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި މި އަހަރުގެ އެކްސަސައިޒްގެ ތެރެއިން، "ފީލްޑް ގްރޭޑް އެކްސްޗޭންޖް ޕްރޮގްރާމް" ގެ ނަމުގައި އައު އެންޑީވާއެއް އެމްއެންޑީއެފާއި ޔޫއެސް އަސްކަރިއްޔާއާ ދެމެދު ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ. މި އެންޑީވަރއާއެކު ސްޓާފް އޮފިސަރުންގެ ޒިންމާތަކާއި، މިލިޓަރީ ޕްލޭނިންގ ޕްރޮސެސްއާއި ޓްރެއިނިން މެނޭޖްމަންޓްގެ ކަންކަން ކުރިއަށްވުރެ ރަނގަޅަށް ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޔޫއެސްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރ، ހިއުގޯ ޔޮންއާގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޒް އަދި އެމްއެންޑީއެފްގެ ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.