ޗައިނާއިން ކޮވިޑް-19 އަށް އުފައްދާ ވެކްސިން ނޮވެމްބަރު މަހު އާންމުންނަށް ބޭނުންކުރެވޭ ވަރު ވެދާނެ ކަމަށް ޗައިނާ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)ގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ޗައިނާގައި މިހާރު ކްލިނިކަލް ޓެސްޓްތަކުގެ އެންމެ ފަހު މަރުހަލާގައި ހަތަރު ވެކްސިނެއް އެބައޮތެވެ. އަދި އޭގެ ތެރެއިން ތިން ވެކްސިނެއް މިހާރު ވަނީ ޖުލައި މަހުގެ ތެރޭގައި އިއުލާނު ކުރެވުނު އިމަޖެންސީ ވެކްސިނޭޝަން ޕްރޮގްރާމެއްގެ ދަށުން ބައެއް މަސައްކަތްތެރިންނަށް ދީފަ އެވެ.
ހޯމަ ދުވަހު ޗައިނާގެ ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ސީޑީސީގެ ޗީފް ބަޔޯ ސޭފްޓީ އެކްސްޕާޓް، ގުއިޒެން ވޫ ވިދާޅުވިގޮތުގައި ފޭސް ތިނެއްގެ ޓެސްޓްތައް ކުރިއަށް ދަނީ ވަރަށް އޮމާންއެކުގަ އެވެ. އަދި ނޮވެމްބަރު މަހުގައި އާންމުން ބެނުންކުރުމަށް ހުޅުވާލެވޭވަރު ވާނެ އެވެ.
ވޫ އިތުރަށް ވިދާޅުވި ގޮތުގައި އަމިއްލަފުޅަށް ވެސް ޓެސްޓް ވެކްސިނެއް ނަގާފައިވާނެ ކަމަށާއި އެހެން ނަމަވެސް އެއްވެސް އާދަޔާ ހިލާފު އަލާމާތެއް ފެނިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ވެކްސިނެއްކަން ހާމަކުރައްވާފައެއް ނުވެ އެވެ. -ޗެނަލް ނިއުސް އޭޝިއާ