އެސްޓީއޯގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ފިހާރަ އިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަންގައި "ޕަޔަނިއާ" ބްރޭންޑްގެ 50 ކިލޯގެ ސިމެންތި ބަސްތާއެއް މިހާރު 90 ރުފިޔާ އަށް ލިބޭނެ ކަމަށެވެ. މީގެ އާންމު އަގަކީ 108 ރުފިޔާ އެވެ.
އިއްޔެ ފެށި ޕްރޮމޯޝަން އަންނަ މަހުގެ 31 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަނުން ލިބޭ ހާއްސަ އަގުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ކޮންޓްރެކްޓަރުންނާއި އަތޮޅުތަކުގެ ތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާ އަދި އާއްމުންނަށް ވެސް ބޮޑެތި ލުއި ލިބިގެން ދާނެ ކަމަށެވެ. މީގެ އިތުރުން 1,500 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ލޯޑް ކުރުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ހިލޭ ޑެލިވެރީ ކޮށްދެ އެވެ.
ޕަޔަނިއާ ސިމެންތި އަކީ ޔޫއޭއީގައި އެންމެ މަގްބޫލް އެއް ސިމެންތި ބްރޭންޑެވެ. މި ސިމެންތި އަކީ42.5N) (BS EN 197-1:2011 CEMގްރޭޑް ގެ އޯ.ޕީ.ސީ ސިމެންތި އެކެވެ.