ފަލަސްތީނުގެ ހާލާމެދު ހަމްދަރްދީވެ އެކަމުގެ ވާހަކަ ދައްކާ މީހުން ވަރަށް ވެސް ގިނަ އެވެ. އެހެން ނަމަވެސް މާލީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ފަލަސްތީނަށް އެހީވަނީ މަދު ބައެކެވެ.

މިފަހަރު މިއޮތީ އޭގެ ތެރެއިން މީހެއްގެ ވާހަކަ އެވެ. އަލްޖީރިއާއަށް ނިސްބަތްވާ މިހާރު އުމުރުން 30ގެ އަހަރުތައް ގުނަމުން އަންނަ ހަމްޒާ ބެންޑެލަޑްއަކީ އެއް އިރެއްގައި ދުނިޔޭގެ ސަމާލުކަން ހޯދި ޒުވާނެކެވެ.

ހަމްޒާ ވަނީ 2010ގެ ކުރީކޮޅު އެމެރިކާއާއި ޔޫރަޕްގެ 217 ބޭންކެއްގެ ވެބްސައިޓް ހެކްކޮށް 60 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ނަގާފަ އެވެ. އެ ފައިސާ އޭނާ ހަދިޔާކުރީ އެފްރިކާގެ ފަގީރުންނަށާއި ފަލަސްތީނަށް ކަމަށް ބުނެވެ އެވެ. ހަމްޒާއާއެކު އެކަމުގައި ބައިވެރިވީ ރަޝިއާއަށް ނިސްބަތްވާ މީހެއް ކަމަށްވާ އެލެކްސެންޑްރާ އެންޑްރެވިޗް އެވެ.

މި ކަމުގެ ސަބަބުން ހަމްޒާވަނީ އެފްބީއައި އާއި އިންޓަޕޯލްގެ "މޯސްޓް ވޯންޓެޑް" ލިސްޓުގެ އެންމެ ކުރިން ޖާގައެއް ހޯދާފަ އެވެ. ތިން އަހަރު ދުވަހުގެ މަސައްކަތަށްފަހު ހަމްޒާ ހައްޔަރު ކުރެވުނީ 2014 ވަނަ އަހަރު ބެންކޮކްއިންނެވެ.

އެއަށްފަހު ހަމްޒާ މަޝްހޫރު ވެގެންދިޔައީ "ސްމައިލިން ހެކަރު"ގެ ނަމުންނެވެ. އެއީ އޭނާ ހައްޔަރު ކޮށްގެން ގެންދެވުނުއިރު ވެސް އެކަމަށް ދެކޮޅު ނުހަދައި ހިނިތުންވެގެން ހުރުމުންނެވެ.

ހަމްޒާއަށް މަރުގެ ހުކުމް އިއްވައި ދަން ޖައްސައި މަރާލެވުނު ކަމަށް އަޑުއެރި ނަމަވެސް އޭނާއަށް އިއްވާފައިވަނީ 30 އަހަރުގެ ޖަލު ހުކުމެކެވެ. އެލެކްސެންޑްރާއަށް ލިބުނީ ފަސް އަހަރުގެ ޖަލު ހުކުމެވެ.

ބޭންކުތަކުން ހަމްޒާ ނެގި ފައިސާ އަނބުރާ ނުހޯދުނުއިރު އެ ފައިސާ ފަލަސްތީނަށް ހަދިޔާ ނުކުރާ ކަމަށާއި އެއީ އޭނާގެ އަމިއްލަ ފައިދާއަށް ކުރި ކަމެއް ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.